ހޮލީވުޑްގެ ތަރި ބެން އެފްލެކްގެ ސަބަބުން އޭނާގެ ކުރީގެ އަންހެނުން ޖެނިފާ ގާނާއާއި އޭނާގެ މިހާރުގެ ބައިވެރިޔާ ކަޕަލް ތެރަޕީ ނަގަން ޖެހިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

އެގޮތުން އެ ދެމީހުންގެ ގުޅުމުގެ ތެރެއަށް ބެން ވަނުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އެ ރިޕޯޓްތައް ބުނެ އެވެ.

ޖެނިފާ ލޮޕޭޒްއާއެކު ކުރި ކައިވެނި ރޫޅުނު ފަހުން ބެން އަންނަނީ އޭނާގެ ކުރީގެ އަންހެނުންނާ އެކި ކަންކަމުގައި ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ.

މިކަމުގެ ސަބަބުން ޖެނިފާއާއި ޖޯންގެ ގުޅުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރަމުން އަންނަ ކަމަށް ހޮލީވުޑްގެ ހަބަރުތަކުން ބުނެފައިވެ އެވެ.

ޖެނިފާއާއި ޖޯން ލޯބީގެ ގޮތުން ގުޅިފައިވަނީ 2018 ވަނަ އަހަރު އެވެ. މިވީ ހަތް ވަރަކަށް އަހަރުގެ ތެރޭގައި އެ ގުޅުން އެކި ފަހަރު މަތިން ރޫޅިފައިވެސްވެ އެވެ.

އޭގެ ކުރިން ޖެނިފާ ކައިވެނި ކޮށްގެން އުޅުނީ ބެންއާ އެވެ. އެ ކައިވެނި ދެމިގެން ދިޔައީ 2005 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށެވެ.