އަހަރުތަކަކަށް ދެމިގެން ދިޔަ ކޯޅުމަކަށްފަހު ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާއާއި މިއުޒީޝަން އެލްޓަން ޖޯން ސުލްހަަވެއްޖެ އެވެ.
އެކަން އިއުލާން ކުރަމުން މެޑޯނާ ވަނީ އެލްޓަންއާއެކު ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އޭނާ ވަނީ "ސަޓަޑޭ ނައިޓް ލައިވް"ގައި އެލްޓަން ހުށައެޅި ހުށައެޅުން ވެސް ބަލަން ގޮސްފަ އެވެ.
"އެންމެ ފަހުން އަހަރުމެންގެ ކޯޅުންގަނޑު ނިމުމަކަށް ގެނެސްފިން،" މެޑޯނާ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.
މެޑޯނާ އިތުރަށް ބުނީ އޭނާ އިހުތިރާމްކުރާ މީހަކު އޭނާއާމެދު ނަފްރަތު ކުރަންވީ ސަބަބެއް ނުވިސްނުނު ކަމަށާއި އެހެންވެ ސަޓަޑޭ ނައިޓް ލައިވްގެ މެހެމާނަކަށް އެލްޓަން އަންނަ ހަބަރު ލިބުމުން އެތަނަށް ދާން ނިންމީ ކަމަށެވެ.
އެގޮތުން ޝޯގެ ބެކްސްޓޭޖުން އެލްޓަންއާ ބައްދަލުވުމުން އެންމެ ފުރަތަމަ ވެސް އެލްޓަން އޭނާގެ ކިބައިން މައާފަށް އެދުނު ކަމަށް މެޑޯނާ ބުންޏެވެ.
މެޑޯނާއާއި އެލްޓަންއާ ދެމެދު އެންމެ ފުރަތަމަ މައްސަލަ ޖެހުނީ 2004 ވަނަ އަހަރު ބޭއްވި އެވޯޑް ޝޯއެއްގެ ތެރޭގައި މެޑޯނާ އޭނާގެ ލަވަތައް ކިޔަނީ "ލިޕް ސިންކް" ކޮށްގެން ކަމަށް އެލްޓަން ތުހުމަތު ކުރުމުންނެވެ.
އެއަށްފަހު އެ ދެތަރިން ވެސް ވަނީ އެކި ފަހަރު މަތިން ފާޅުގައި އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ދީ އެމީހުންގެ ދުޝްމަންކަން މުޅި ދުނިޔެއަށް ދައްކާފަ އެވެ.