އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖުގެ މުވައްޒަފުންގެ ކޮޓަރިތައް އެތަން ހިންގާ ކައިމޫ އިން ހުސްކޮށްފި އެވެ.

ގާތްގަނޑަކަށް 2 އަހަރުފަހުން ކައިމޫއިން މިތަން ހުސްކޮށްފަމިވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ މަގު ހެދުމުގެ މަސައްކަތަށެވެ.

މި މަގު ހެދުމަށް 7 ކޮޓަރި ހުސްކުރަން ޖެހޭއިރު މިކަމާ ގުޅިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް (އޭއައިއޭ) ގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގަ އެތަން ރަސްމީކޮށް ކުންފުންޏާ ހަވާލުކޮށްފައެއް ނުވެ އެވެ.

މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ވަންނާތީ، މިދިޔަ ދެ އަހަރުވެސް ވަނީ ސަރުކާރާއެކު މަޝްވަރާތައް ކޮށްފަ އެވެ. ސަރުކާރުން ބަދަލުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދިނުމަށް ކައިމޫ އިން ހުށަހަޅައި އެ ކުންފުނިން ހިންގާ އިތުރު ދެ ރިސޯޓެއްގެ ލީޒް މުއްދަތު 50 އަހަރަށް އިތުރުކުރުމާ ގުޅޭ ގޮތުން ވެސް ވަނީ އޭރު މަޝްވަރާ ކޮށްފަ އެވެ.

އެކަން ލަސްވުމާ ގުޅިގެން އޭރު ސަރުކާރުން ވަނީ މި މަހު އެކަމަށް ހައްލެއް ނުލިބިއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު އުނިކުރަން ނިންމި ނަމަވެސް ފަހުން ޓޫރިޒަމް މިނިސްޓްރީއާ އެކު ކައިމޫއިން ކުރި މަޝްވަރާގެ ތެރެއިން އެ ކޮޓަރިތައް ދޫކޮށްލަން އެ ކުންފުނިން ވަނީ އެއްބަސް ވެފަ އެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 30 މިލިއަން ޑޮލަރާއި އެކު އައްޑޫ އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް ޖޫން 2023 ގަަ އެވެ. އިންޑިއާގެ ރެނާޓަސް އިން ކުރިއަށްގެންދާ މިމަޝްރޫއު މިއަހަރުގެ މާޗުމަހަށް ނިންމަން ކަނޑައެޅި ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން މިމުއްދަތު ވަނީ މިއަހަރުގެ ނޮވެންބަރު މަހަށް އިތުރުކޮށްފަ އެވެ.