ހަސީބާއި ފަތުހީ އެމީހުންގެ ހުށަހެޅުން ތަކުރާރު ކުރުމަށްފަހު ވެސް މަލާގެ ފުށުން ބަހެއް ނުލިބުމުން އިތުރަށް ވިސްނާލާން ފުރުސަތު ދެނީ ކަމުގައި ބުނެފައި ނިކުމެގެން ހިނގައްޖެ އެވެ.

ކުރިމަތީގައި ހުރު ހުދު ފާރުގެ މެދުގައި ހުރި ގަޑީގެ ކަށި މަޑުމަޑުން ހަރަކާތް ކުރާ ތަން މަލަކާއަށް ފެނެ އެވެ. ކޮންމެ ސިކުންތަކާއެކު ހެލިލާ ކަށީގެ ހަމަޔަށް އޭނާގެ ހިތުގެ ވިންދު ދިޔައީ އަވަސްވަމުންނެވެ. ކުރިޔަށް އޮތް މަސް ނިމޭއިރު އޭނާގެ ޗުއްޓީ ނިމޭނެ އެވެ. އޭގެ ދެ ހަފުތާ ފަހުން ވަޒީފާގެ ކޮންޓްރެކްޓް ހަމަވާނެ އެވެ. ވަޒީފާގެ ރޮނގުން އިތުރު ފުރުސަތެއް ނެތްކަން މިހާރު ޔަގީނެވެ. ހަމަ އެފަދައިން އެހެން ރޮނގަކުން ކުރިޔަށް ދިއުމަށް ވިސްނި ވިސްނުމަށް އެޅުނު ހިޔަނި މިދަނީ އިތުރަށް އަނދިރިވަމުންނެވެ.

ޓަކި ޖެހުމެއް ނެތި ދޮރު ހުޅުވާލާފައި ކޮޓަރިއަށް ވަނީ ފުލުސް އޮފިސަރެކެވެ. ކޮނޑުމައްޗާއި މޭ މައްޗަށް ބަލާލުމުން އެއީ އާދައިގެ އޮފިސަރެއް ނޫން ކަން އެނގެ އެވެ.

"ކީކޭ ބުނަން އޮތީ" އޭނާ ކުރީ މާނަ ފުން ސުވާލެކެވެ. މަލަކާ ބަލާލީ އޮފިސަރުގެ މޫނަށެވެ. ދެބުމަ ގާތްވެލާފައި ހުރި ގޮތުންނާއި ކުޑަކޮށް އަނގަ ހުޅުވިފައި ހުރުމުން ތިބުނީ ކީކޭހޭ ބުނަނަން އުޅޭކަން ދެނެގަންނާކަށް އޮފިސަރަށް މާކަ އުނދަގުލެއް ނުވި އެވެ.

"އަޅުގަނޑަށް އެނގިފައިވާ މައުލޫމާތު ގޯސްކަމުގައި ނުވާނަމަ ދެންމެ ކޮންމެވެސް ދެ ބޭފުޅަކު މަލަކާ އާ ބައްދަލު ކުރެއްވި،" އޮފިސަރުގެ އަޑުގައި ހުރީ އިހުތިރާމެވެ. އޯގާވެރި ކަމެވެ. "އެ ވާހަކަތަކާ މެދެ ގޮތެއް ނިންމަވާފި ނަމަ އަންގަވާލަ ދެއްވާ."

އިތުރަށް ނިންމަން އޮތީ ކޮން ގޮތެއް ހެއްޔެވެ. މަލަކާ ބުނަން އޮތް ވާހަކަ އޮތީ ސާފުކޮށް ބުނެފަ އެވެ. "އަޅުގަނޑަށް ލޯޔަރަކާ ވާހަކަ ދެއްކުމުގެ ފުރިސަތު ވެސް ނެތީތޯ؟" ދޮރާ ދިމާޔަށް ގޮސް ގޮސް ހުރު އޮފިސަރަށް މަލަކާގެ އަޑު އިވުމުން އަނބުރާލައިފައި އައިސް މަލާގެ ގާތަށް ހުއްޓުނެވެ.

"ކީއްކުރަން ލޯޔަރެއް ހޯދަނީ،" އިރުކޮޅަކު މަލަކާގެ މޫނަށް ބަލަހައްޓައިގެން ހުރުމަށްފަހު އޮފިސަރު ސުވާލު ކުރި އެވެ.

"އަޅުގަނޑު ބަންދު ކޮށްފަ މިއިނީ ކީއްވެގެން، ކޮން ކުށަކާ ހެދި ކަމެއް ވެސް އަޅުގަނދަކަށް ނޭނގޭ- އެހެންވީމާ ލޯޔަރަކާ ނުލާ ކިހިނެއްތޯ ވާހަކަ ދައްކާނީ،"

"ކާކު ބުނީ މަލަކާ ބަންދު ކުރި ވާހަކަ،" އޮފިސަރުގެ މޫނުގައި ހުރީ ލުއި ހިނިތުންވުމެކެވެ.

ރަނގަޅު ވާހަކައެކެވެ. އެކަކުވެސް އެހެން ނުބުނެ އެވެ. ހައްޔަރު ކުރުމުގެ ކުރިން ހައްޔަރު ކުރަނީ ކޮން ކުށެއްގެ ތުހުމަތުގައިކަމާއި ހައްޔަރު ކުރަނީކަން ސާފުކޮށް އަންގަން ޖެހެ އެވެ. އެހެނަސް އެކަހަލަ ވާހަކައެއް ފުލުހުން ނުބުނެ އެވެ. އެހެން ނަމަވެސް މަލަކާއަށް އެނގޭކަމަކީ މަލަކާ އިނީ ފުލުހުންގެ އޮފީހުގައި ބަންދުކޮށްފައި ކަމެވެ. އެއީ ހައްޔަރު ކުރުމެއް ނޫންކަމުގައި ވާނަމަ ދެން މިހިނގަނީ ކޮން ކަންތަކެއް ހެއްޔެވެ. މަލަކާގެ ހިތުގައި އުފެދޭ ސުވާލުތައްވީ ހައްތާ ގިނަ އެވެ.

"އަޅުގަނޑަށް ބޭނުމީ މިކަންތައް ވީހާ ވެސް ޕޮޒިޓިވްކޮށް މަލަކާ ނެގުން،" އޮފިސަރު ހުއްޓާލީ ސީދާ މަލަކާގެ މޫނަށް ބަލަހައްޓާގެން ހުރެއެވެ. "މަލަކާ ބޭނުންނަމަ މިކަން ރަސްމީ ކުރެވިދާނެ. އޭރުން އަޅުގަނޑުމެންނަށް ވެސް ޖެހޭނީ އޮފިޝަލްކޮށް ކަންތައް ގެންދަން. އޭރުން ކަންތައް މާކަ ފަސޭހައެއް ނުވާނެ." އޮފިސަރުގެ އަޑުގައި ހުރީ އޯގާވެރިކަމެވެ. ވިސްނައިދޭން ބޭނުމީ ވީ ކަމެއް ނުވާކަމަށް ހަދާފައި އެ މީހުން ބޭނުންވާ ކަންތަކަށް އާނ ބަސް ބުނެފައި ދާން ވީ ކަމުގަ އެވެ. މަލަކާގެ ކުރިމަތީގައި އޮތީ ފަސޭހަ މަގެއް ނޫނެވެ.

އިސްތަންބޫލުގެ އެއާޕޯޓުން މަލަކާ ނިކުތް ގަޑީގައި ދިވެހި އެމްބަސީގެ އޮފިޝަލެއް ޑްރައިވަރަކާއެކު ހުއްޓެވެ. ސަލާމާ ތައާރަފްގެ ވަގުތުކޮޅަކަށްފަހު މަލަކާމެން ދިޔައީ އެމްބަސީގެ ކާރާ ދިމާއަށެވެ. ދާން ޖެހެނީ އަންކާރާއަށެވެ. އެއީ ގާތްގަނޑަކަށް ހަތަރު ގަޑިއިރުގެ ދަތުރެކެވެ. ފްލައިޓުގައި އެއްގަޑިއިރުން ދެވެން އޮތް ކަމުގައި ވިޔަސް އެމްބަސީއިން ކާރުގައި ދަތުރު ހަމަޖެއްސި ސަބަބެއް މަލަކާއަކަށް ނޭނގެ އެވެ.

އިސްތަންބޫލްގެ ހަލަބޮލި މަގުތަކުން ނިކުމެ ފްރީވޭގައި ކާރު ފުރިހަމަ ދުވެލީގައި ދުއްވާލުމުން މަލަކާ ގޮނޑީގައި ރަނގަޅަށް ހަމަޖެހިލި އެވެ. ކުރިމަތިން ފެންނަމުންދާ ތުރުކީގެ ހިތްގައިމު މަންޒަރުތަކަށް ހިތް ދޫކޮށްލަން ވިސްނި ކަމުގައި ވިޔަސް މަލަކާގެ ހިތުގައި އޮތީ ނުތަނަވަސްކަމެވެ. ކުރިމަތިވަމުންދާ އިމްތިހާނުތަކުގައި ދެން ދިމާވާނީ ކޮންފަދަ ގޮންޖެހުންތަކަކާ ކަން ވިސްނާލަން ދައްޗެވެ. އަންކާރާގައި ހުންނަ ދިވެހި އެމްބަސީގެ ވަޒީފާއަށް މަލަކާ އެދަނީ އެފަދަ ގޮންޖެހުމަކުން ސަލާމަތްވުމަށެވެ. ހިތުން ރުހުމަކުން ނޫނެވެ.

ޓޫރިޒަމް މިނިސްޓްރީގައި ހިނގާދިޔަ ކަންތަކާ މަލަކާއާ ގުޅުމެއް ނެތް ކަމުގައި ވިޔަސް އެކަމުގެ ސަބަބުން މަލަކާއަށް ކުރިމަތިލާން ޖެހުނީ އާދައިގެ ކަންތަކަކާ ނޫނެވެ. ވެއްޓުނީ ކުޑަ އަނދަވަޅަކަށް ނޫނެވެ. މަލަކާ ހުރީ އެ އަނދަވަޅުން އަރާއިގަތުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރާށެވެ. އެ އަޒުމުގައި ބައެއް ފަހަރު ގޮތް ދޫކުރުމާއި ބަލި ގަބޫލު ކުރަން ޖެހޭ ވަގުތު ވެސް އަންނާނެ ކަމުގައި މަލަކާ ވަނީ ގަބޫލު ކޮށްފަ އެވެ. (ނިމުނީ)