އެއްވެސް ސަބަބެއް ބަޔާންކުރުމަކާ ނުލައި މިއަދު ވެސް މަޖިލީހުގެ ޖަލްސާއެއް ނުބޭއްވުމަށް ނިންމައިފި އެވެ.
މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވާފައިވާ މެސެޖެއްގައި މިއަދުގެ ޖަލްސާ ނުބޭއްވޭނެކަމަށް އަންގާފައިވާއިރު، ޖަލްސާ ކެންސަލްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. މިކަމާ ގުޅޭގޮތުން ބައެއް މެންބަރުން ދެކޭގޮތުގައި މިއީ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތުމުގެ ސަބަބުން ދިމާވެފައިވާ ކަމެކެވެ.
އެހެންނަމަވެސް، އަނެއްބައި މެންބަރުން ގަބޫލުކުރާގޮތުގައި ޖަލްސާތައް ކެންސަލް ކުރަމުންދަނީ ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުރަސްއެޅުމުގެ ގޮތުން މަޖިލީހުގެ ރިޔާސަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.
މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ހަފްތާއަކު މަދުވެގެން ތިން ޖަލްސާ ބާއްވަން ޖެހެ އެވެ. ނަމަވެސް، މި އަދަދަށް ޖަލްސާތައް ބޭއްވިފައި ނުވާތީ އިދިކޮޅު ޕާޓީތަކުގެ ބައެއް މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، މިކަމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފަ އެވެ.
މި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި ވެރިކަން ހިންގާާ ފަރާތް ޖަވާބުދާރީ ކުރުވުމަކީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެކެވެ. އެހެންކަމުން، މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބޭއްވުމަކީ މި ވާޖިބު އަދާކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.