މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލާގައި ޕާސްޕޯޓް ހިފަހައްޓާފައިވާ އެކަކު ރާއްޖޭން ފުރާފައިވާ ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.
މި މައްސަލާގައި ފުލުހުން 7 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ އަންހެނަކު މެލޭޝިއާ އަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަތައް ދެކެވެމުންނެވެ.
އެހެން ނަމަވެސް މިކަން ދޮގުކޮށް ފުލުހުން ބުނީ މައްސަލައާ ގުޅިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާއަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު މައުލޫމާތުތަކެއް ކަމަށެވެ.
މި މައްސަލަ އާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓާފައިވަނީ އައިޝަތު ލަޔާލީ އިގުބާލް، އިޒްދިޔާން މުހައްމަދު މައުމޫން، ޔޫސުފް އަހުމަދު އަކްރަމް، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، އާމިނަތު ޖުނައިރާ ޖަމްޝީދު، ހުސައިން ހަމީސް އަލީ، އިޖާޒް ޖާއިޒްގެ އެވެ.
މި މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރުން އެރޭ އެ އަންހެން ކުއްޖާ ވެއްޓުމާ ހަމައަށް އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފަ އެވެ.