ހިންދީ ފިލްމީ ދާއިރާ، ބޮލީވުޑްގައި މިހާރު އެެއްވެސް ވަރަކަށް އެއްބައިވަންތަ ކަމެއް ނެތް ކަމަށް ތަޖުރިބާކާރު އެކްޓަރު ސަންޖޭ ދަތު ބުނެފި އެވެ.
ސަންޖޭ މިހެން ބުނެފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ބޫތުނީ"ގެ ޕްރޮމޯޝަންއެއްގައި ބޮލީވުޑް ފަންނާނުންގެ މެދުގައި އޮތް ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ.
އެ އިންޓަވިއުގައި ސަންޖޭ ވަނީ އޭނާގެ ފިލްމު "ބޫތުނީ"އަށް ވެސް ދާއިރާގެ ފަރާތުން ލިބެންވާ އެއްބާރުލުން ނުލިބޭ ކަމަށް ބުނެފަ އެވެ.
އެގޮތުން ދާއިރާގެ ފަންނާނުންގެ މެދުގައި ބައިބައިވުން އުފެދިފައިވާ ކަމަށާއި ކުރިން އޮތް އެކުވެރިކަން މިހާރު ނެތް ކަން ވެސް ސަންޖޭ ފާހަގަކުރި އެވެ.
"ވަރަށް ދެރަވޭ ދާއިރާއަށް މިހެން ވާތީ. މިއީ ދުވަހަކުވެސް އަހަރެން ނުދެކޭ ކަމެއް. މިހާރު އެންމެން ތިބީ ކުޑަކޮށް ކަސިޔާރު ވެފައި" ސަންޖޭ ބުންޏެވެ.
1989 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ސަންޖޭއަކީ ފާއިތުވި 35 ވަރަކަށް އަހަރު ތެރޭގައި ގިނަ ފިލްމުތަކެއް ކުޅެ ކާމިޔާބީތަކެއް ވެސް ހޯދާފައިވާ ފަންނާނެކެވެ.
"ބޫތުނީ"ގައި ސަންޖޭގެ އިތުރުން މޯނީ ރޯއީ، ޕަލަކް ތިވާރީ އަދި ސަނީ ސިންހް މުހިއްމު ރޯލުތަކުން ފެނިގެންދާނެ އެވެ. އެ ފިލްމު ވަނީ އިއްޔެ ސިނަމާތަކުގައި ރިލީޒް ކޮށްފަ އެވެ.