ދުނިޔޭގެ ފެޝަން ދާއިރާގެ އެންމެ ބޮޑު އިވެންޓް ކަމަށްވާ މެޓް ގާލާއަކީ ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު އިންތިޒާރުކުރާ އިވެންޓެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުންނަށް ދައުވަތު އެރުވިގެން ބޭއްވޭ އެ އިވެންޓުގައި ރެޑް ކާޕެޓްގެ އިތުރުން ޕްރައިވެޓް ޕާޓީއެއް ހިމެނޭއިރު އެ ހަފްލާގައި ވަރަށް އާދަޔާ ޚިލާފު ގަވާއިދުތަކެއް ހުރެ އެވެ.
ފޯނު ވެއްދުން މަނާ!
މަޝްހޫރު އެކްޓަރުންނާއި އެނޫންވެސް ޝަހްސުންނާއެކު ބޭއްވޭ އިވެންޓެއް ކަމުގައި ވިޔަސް މެޓް ގާލާގެ އެތެރޭގައި ފޯނު ގެންގުޅުމަކީ މަނާ ކަމެކެވެ. އެހެން ކަމުން އެ ހަފްލާގެ އެތެރޭގެ އެއްވެސް މަންޒަރެއް ބޭރު ދުނިޔެއަކަށް ނުފެންނާނެ އެވެ.
ފިޔާ/ ލޮނުމެދު/ ކުދީނާ މަނާ!
މެޓް ގާލާގައި މެހެމާނުންނަށް އެރުވޭ ކެއުންތައް ކެއްކުމުގައި ފިޔައާއި ލޮނުމެދު އަދި ކުދީނާ ފަތް ބޭނުން ކުރުމަކީ މަނާ ކަމެކެވެ. މިއީ މެހެމާނުންގެ އަނގައިން ވަސް ދުވުން ފަދަ ކަންކަމުން ސަލާމަތްވާން އޮންނަ ގަވާއިދެކެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ!
މެޓް ގާލާގައި ބައިވެރިވާ އެންމެ ޝަރަފުވެރި މެހެމާނުންނަށް ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ. ބޭނުމަކީ އެ ޕާޓީގައި ބޭނުންކުރެވޭ އަގުބޮޑު ހެދުންތައް ސިނގިރޭޓުގެ ދުމުންނާއި ވަހުން ސަލާމަތް ކުރުމެވެ.
ދައުވަތެއް އޮތަސް އަގެއް ދައްކަންޖެހޭ!
މެޓް ގާލާއަކީ އިޚުތިޔާރު ކުރެވިގެން ދައުވަތު ދެވޭ މެހެމާނުންނާއެކު ބޭއްވޭ އިވެންޓެއް ނަމަވެސް އެ އިވެންޓުގައި ބައިވެރިވުމަށް ދައުވަތު އެރުވިފައިވާ މެހެމާނުން ވެސް ކަނޑައެޅިފައިވާ އަގެއް ދައްކަންޖެހެ އެވެ.
ހެދުންތަކަށް ހުއްދަ ހޯދަންޖެހޭ!
މެޓް ގާލާއަކީ ކޮންމެ އަހަރަކު ވެސް ތަފާތު އާދަޔާ ޚިލާފު ހެދުންތަކެއް ފެންނަ އިވެންޓެކެވެ. މި ހެދުންތަކަކީ އިވެންޓުގެ ކުރިން އެ އިވެންޓު އިންތިޒާމުކުރާ ފަރާތުގެ ހުއްދައާއެކު ބޭނުން ކުރެވޭ ހެދުންތަކެކެވެ.