އޮސްޓްރޭލިއާގެ ޕާތުން އިނގިރޭސިވިލާތުގެ ލަންޑަނަށް ދަތުރުކުރަމުންދިޔަ ކުއަންޓަސް އެއާލައިނުގެ ބޯޓެއްގައި ދަތުރުކުރަމުން ދިޔަ ޕަސެންޖަރަކަށް ދިމާވި ކުއްލި ހާލަތަކާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފި އެވެ.
ދި ވެސްޓް އޮސްޓްރޭލިއަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭ 11:30 ހާއިރު ވީއައިއޭއަށް ޖެއްސި ކުއަންޓަސްގެ ބޮއެން 787-9 ޑްރީމްލައިނާ ބޯޓު އަދިވެސް އޮތީ އެއާޕޯޓުގަ އެވެ.
ހޯމަ ދުވަހުގެ އިރުއޮއްސި 6:30 ގައި ޕާތުން ނައްޓާލި މި ބޯޓު ކުރަން ހަމަޖެހިފައިވާ 17 ގަޑިއިރާ 45 މިނިޓުގެ ދަތުރުގެ މިސްރާބު ބަދަލުކުރަން ޖެހުނީ ޕަސެންޖަރަކަށް ދިމާވި އެމަޖެންސީއެއްގެ ސަބަބުން ކަމަށް ބުނި ނަމަވެސް އެއީ ކޮންކަމެއްކަން ހާމަކޮށްފަ އެއް ނުވެ އެވެ.
އެ ފްލައިޓްގައި ދަތުރުކުރި ޕަސެންޖަރުން މިހާރު ހުޅުލޭގައި ތާށިވެފައިވާއިރު މިކަމާ ގުޅިގެން ކުއަންޓަސް އެއާލައިނުގެ ތަރުޖަމާނު ވިދާޅުވީ އެމީހުން ރާއްޖެއިން ލަންޑަނަށް ގެންދިޔުމަށްޓަކައި އެ ކުންފުނީގެ މުއައްޒަފުން ރާއްޖެ އައިސްފައިވާ ކަމަށެވެ.
އެ ޕަސެންޖަރުންނަށް 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ފުރޭނެކަމުގެ ޔަގީންކަން އެ އެއާލައިނުން ވަނީ ދީފަ އެވެ.