އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ފެށި "އޮޕަރޭޝަން ސިންދޫރު"އަށް ފާޑުކިޔުމުން ޕާކިސްތާނުގެ ދެތަރިން ކަމަށްވާ ފަވާދު ޚާންއާއި މަހީރާ ޚާންއަށް ގިނަ ބަޔަކު ފާޑުކިޔަމުން އެބަދެ އެވެ.
ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެނިފައިވާ މަހީރާއާއި ފަވާދު ވަނީ އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކަކީ ވަރަށް ފިނޑި އަމަލެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފަ އެވެ.
ފަވާދު އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވަނީ ހަމަލާގައި މަރުވެ އަނިޔާވި ފަރާތްތަކަށް ހެޔޮ ދުއާ ކުރާ ކަމަށާއި މިއީ ބުއްދީގެ ބޭނުން ކުރަންވީ ވަގުތު ކަމަށެވެ.
އެއާއެކު މަހީރާ ވަނީ ރޭގަނޑުގެ ހަމަހިމޭން ކަމާއި އަނދިރި ކަމުގައި ޕާކިސްތާނަށް ހަމަލާ ދިނުމަކީ އިންޑިއާއަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި އެއީ ފިނޑި އަމަލެއް ކަމަށެވެ.
ފަވާދުއާއި މަހީރާގެ މި ބުނުމާއެކު އޯލް އިންޑިއާ ސައިން ވޯކާސް އެސޯސިއޭޝަނުން ވަނީ ޕާކިސްތާނުގެ އާޓިސްޓުން ބޮއިކޮޓް ކުރަން ޖެހޭ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
"އާޓްގެ ނަމުގައި މި ފަރާތްތަކަށް އެހީވުމަކީ އަހަރުމެންގެ ގައުމާއި ވަތަނަށް ގައްދާރުވުން" އެ އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ މަހު ޕާކިސްތާނުގެ ބަޔަކު އިންޑިއާގެ ޕަހަލްގަމްއަށް ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާއިން ފަށާފައިވާ އޮޕަރޭޝަން ސިންދޫރު ކާމިޔާބު ކަމަށް އެ ގައުމުން ބުނެ އެވެ.
ދެގައުމުގެ މަޝްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އިންޑިއާގައި މަސައްކަތްކުރާ ޕާކިސްތާނުގެ އެކްޓަރުންގެ މަސައްކަތްތައް ދަނީ ގެއްލެމުންނެވެ.