ޗައިނާ އާއި ރަޝިޔާ ގުޅިގެން ހަނދުގައި ނިއުކްލިއާ ހަކަތައިގެ މަރުކަޒެއް ގާއިމުކުރުމަށް އެއްބަސްވެއްޖެ އެވެ.
މި މަޝްރޫއުގެ ދަށުން 2036 ވަނަ އަހަރު ނިމުމުގެ ކުރިން ހަނދުގައި ބައިނަލްއަގުވާމީ ދިރާސާ މަރުކަޒެއް (އައިއެލްއާރްއެސް) ގާއިމުކުރުމަށް ވަނީ ރޭވިފަ އެވެ.
ރަޝިޔާގެ ސްޕޭސް އޭޖެންސީ ރޮސްކޮސްމޮސްގެ ޑިރެކްޓަ ޖެނެރަލް ޔޫރީ ބޮރިސޮވް ވިދާޅުވި ގޮތުގައި މި މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އިންސާނުންގެ ސީދާ ބައިވެރިވުމެއް ނެތި، އޮޓޮމޭޓެޑް ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. އަދި މިކަމަށް ބޭނުންވާ ޓެކްނޮލޮޖީ މިހާރު ވަނީ ތައްޔާރުވެފައި ކަމަށް އޭނާ ބުނެފައިވެ އެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ހަނދުގައި ދިގު މުއްދަތަކަށް އިންސާނުން ދިރިއުޅެވޭނެ މާހައުލެއް ގާއިމުކުރުމާއި، ފަޒާއާ ގުޅޭ އެކިއެކި ދިރާސާތައް ކުރުމެވެ. މިހާތަނަށް މި މަޝްރޫއުގައި ބައިވެރިވުމަށް 17 ގައުމަކުން ވަނީ އެދިފަ އެވެ. އޭގެ ތެރޭގައި މިސްރު، ޕާކިސްތާން، ވެނެޒުއެލާ، ތައިލެންޑް އަދި ދެކުނު އެފްރިކާ ހިމެނެ އެވެ.
މި މަޝްރޫއު ފެށުމަށް ހަމަޖެހިފައި ވަނީ 2028 ވަނަ އަހަރު ޗައިނާގެ ޗަންގް-އީ 8 މިޝަންގެ ދަށުން ހަނދަށް ފޮނުވާ މީހުންނާ އެކު އެވެ. މިއީ ޗައިނާއިން ފުރަތަމަ ފަހަރަށް ހަނދަށް މީހުން ފޮނުވާ މިޝަނެވެ.
މި މަޝްރޫއު ފެށުމާ ގުޅިގެން އެމެރިކާގެ ނާސާއިން ވަނީ 2026 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ހަނދުގައި އޯބިޓަލް ބޭސްއެއް ގާއިމުކުރުމުގެ ޕްލޭން އުނިކޮށްފަ އެވެ. މިކަމުން ދޭހަވަނީ ހަނދުގެ ވަސީލަތްތައް ބޭނުންކުރުމުގައި ޗައިނާ އާއި ރަޝިޔާ އެމެރިކާއަށް ވުރެ ކުރިއަރައިގެން ދާނެކަމެވެ.