ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ދާ ހައްޖުވެރިންގެ ތިން ވަނަ ގުރޫޕްގެ މީހުން މިއަދު ހެނދުނު ފުރައިފި އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ ތިންވަނަ ގުރޫޕްގެ މީހުން ފުރީ މިއަދު ހެނދު 6:30 ގައި މޯލްޑިވިއަންގެ މަތިންދާ ބޯޓުގަ އެވެ. މިފްލައިޓުން 252 މީހުން ފުރި އެވެ. ހައްޖުވެރިން ދަތުރުކުރާ މި ފްލައިޓް ޖިއްދާ އެއާޕޯޓުގައި ޖައްސާނެ ކަމަށް ލަފާކުރެވެނީ މެންދުރު 12:55ގަ އެވެ.
މިއަހަރު ހައްޖަށް ދާ މީހުން ފުރަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން ހައްޖުވެރިން ސައުދީއަށް ދަތުރު ކުރާއިރު، ސައުދީ އެއަލައިންގެ އިތުރަށް މޯލްޑިވިއަންގެ ފްލައިޓްގައި ވެސް ދަތުރުކުރެ އެވެ. އެގޮތުން މޯލްޑިވިއަންގެ ބޯޓުގައި މިހާތަނަށް މިވަނީ ދެ ދަތުރު ސައުދީއަށް ކޮށްފަ އެވެ.
ހައްޖުވެރިންގެ ފަހު ގުރޫޕް ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު ފަހު އެވެ. އެއީ ސައުދީ އެއާލައިންގަ އެވެ.
ދިވެހި ހައްޖުވެރިން މިފަހަރު ޙައްޖަށް ފުރަނީ ފުރަނީ، ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަ އެވެ.