ކުރިއަށް އޮތް ހައްޖުގެ މޫސުމާ ދިމާކޮށް ހައްޖާޖީންގެ ހިދުމަތަށް ސައޫދީ އަރަބިއާގެ ސަރުކާރުން 900 އެމްބިއުލާންސް ނެރެފި އެވެ.

ސައޫދީގެ ހަބަރުތައް ބުނާގޮތުގައި ހައްޖުގެ ތެރެއިން މައްކާގެ މަސްޖިދލުލް ހަރަމްއާއި މިނާ އަދި މުޒްދަލިފާގެ ސަރަހައްދުގައި ސިއްހީ ހިދުމަތްތައް ވަރަށް ފުރިހަމައަށް ހުންނާނެ އެވެ.

އެގޮތުން ހިދުމަތަށް ނެރެވުނު 900 އެމްބިއުލާންސްގެ ތެރޭގައި 11 އެއާ އެމްބިއުލާންސް ހިމެނޭއިރު މިއީ ސިއްހީ ކުއްލި ހާލަތްތަކުގައި ބަލިމީހުން އެއްތަނުން އަނެއް ތަނަށް އުފުލަން ލިބޭ ލުއި ފަސޭހަ އެކެވެ.

މި އެމްބިއުލާންސްތަކުގައި ސިއްހީ ކުއްލި ހާލަތަކަށް ބޭނުންވާނެ އެންމެ ފަހުގެ އިކުއިޕްމަންޓްތައް ހުންނައިރު ބަލި މީހުންގެ ހިދުމަތުގައި 75000 އަށްވުރެ ގިނަ ޕެރަމެޑިކްސް ހަރަކާތްތެރިވާނެ އެވެ.

އަމާޒަކީ ކުއްލި ހާލަތުގައި އަށް މިނެޓުގެ ތެރޭގައި ބަލިމީހާއާ ހަމައަށް ދިއުން ކަމަށް ސައޫދީގެ ކަމާބެހޭ އިދާރާތަކުން ހާމަކުރެ އެވެ.

ހައްޖުގެ އަޅުކަން ފަށަން ތައްޔާރު ވެފައިވާއިރު މައްކާގެ ހޫނުމިން މިވަގުތު އުޅެނީ 35 ޑިގްރީ ސެލްސިއަސް އަށްވުރެ މަތީގަ އެވެ. މި ހޫނުގައި ސިއްހީ މައްސަލަތައް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.

މިއަހަރުގެ ހައްޖަކީ ކައިރި މުސްތަގްބަލެއްގައި ހޫނު މޫސުމުގައި އަންނާނެ އެންމެ ފަހު ހައްޖެވެ. އަންނަ އަހަރުން ފެށިގެން ހައްޖު މޫސުން ދިމާވަނީ ބަހާރު މޫސުމުގަ އެވެ.