ހޮލީވުޑްގެ މަޝްހޫރު ފިލްމު ފްރެންޗައިޒް "މިޝަން އިމްޕޮސިބަލް"ގެ އިތުރު ފިލްމެއް ބެލުންތެރިންނާ ހަމައަށް އައިސްފައިވާއިރު އެއާއެކު ޓޮމް ކުރޫޒުގެ ކެރެކްޓަރު އީތަން ހަންޓް ވެސް މިވަނީ އަނބުރާ އައިސްފަ އެވެ.

މިޝަން އިމްޕޮސިބަލްގެ މި ފިލްމާއެކު އީތިން ހަންޓްގެ ގޮތުގައި ޓޮމް ކްރޫޒް މިވަނީ އެންމެ ފަހުން ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ހޯދާފަ އެވެ.

ޓޮމްއަށް ލިބިފައިވަނީ ރޯވެފައިވާ ޕެރެޗޫޓްއަކާއެކު އެންމެ ގިނަ ފަހަރު ފުންމާލުމުގެ ރެކޯޑެވެ. އެ ފިލްމުގެ ތެރެއިން 16 ފަހަރު އެގޮތަށް އޭނާ ފުންމާލާފައިވެ އެވެ.

ދުނިޔޭގެ ރެކޯޑު ފޮތް ބަލަހައްޓާ ފަރާތުން ބުނި ގޮތުގައި ޓޮމްގެ އެ މަންޒަރުތަކުގައި އޭނާއަކީ ހަމައެކަނި އެކްޓަރެއް ނޫން ކަމަށާއި އޭނާއަކީ "އެކްޝަން ހީރޯ"އެއް ކަމަށެވެ.

އެގޮތުން އެ މަންޒަރުތަކުން އެކްޓަރެއްގެ ގޮތުގައި ޓޮމްގެ ކުޅަދާނަ ކަމާއި ބިރުކުޑަކަން ފެނިގެންދާ ކަމަށް ވެސް އެ ފަރާތުން ބުނެފައިވެ އެވެ.

އެހެން ކަމުން ޓޮމްގެ އެ ކުޅަދާނަ މަސައްކަތް ފާހަގަކޮށް އޭނާއަށް އެ ޝަރަފު އެރުވުމަކީ ލިބޭ ފަހުރެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެ އެވެ.

1996 ވަނަ އަހަރުން ފެށިގެން މިޝަން އިމްޕޮސިބަލްގެ ފިލްމުތަކުން ޓޮމް ފެނިފައިވާއިރު އޭނާގެ ސްޓަންޓްތަކަކީ ބެލުންތެރިންގެ މެދުގައި ވެސް މަގުބޫލު ސްޓަންޓް ތަކެކެވެ.