ފައިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރި ސާމްޕަލްތަކުން އިތުރު 113 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 56 މީހަކު ޕޮޒިޓިވްވިއިރު، 46 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން ހަ މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 138 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 25,304 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 3,062 ގައި މިހާރު ހުރިއިރު 22,166 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިއަދު މުޅި ރާއްޖެއިން 4،950 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، 4،382 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފަ އެވެ.

މިހާތަނަށް 265،235 މީހުން ވެކިންގެ ފުރަތަމަ ޑޯޒް ޖެހިއިރު، ދެވަނަ ޑޯޒް ޖަހާފައި ވަނީ 14،951 މީހުންނެވެ.

ކޮވިޑްގެ އަދަދުތައް މާލެ ސަރަހައްދުގައި މަދުވަމުން މިދަނީ މާލޭގެ ސާމްޕަލްތައް ޓެކްސްޓު ކުރުން މަދުވުމުންނެވެ. ސަބަބަކީ އަތޮޅު ތެރެއިން ގިނަ އަދަދެއްގެ ސާމްޕަލްތައް ކޮންމެ ދުވަހަކު ވެސް ޓެސްޓް ކުރަން ޖެހިފައިވާތީ އެވެ. މާލެ ފިޔަވައި މިހާރު ކޮވިޑް އެންމެ ބޮޑަށް ފެތުރިފައި ވަނީ ޅ. ފެލިވަރާއި ޅ. ނައިފަރުގެ އިތުރުން ކ. ތުލުސްދޫގަ އެވެ. އެ ރަށްތަކުން 100 އަށް ވުރެ ގިނަ ކޭސް މިހާތަނަށް ފެނިފައިވެ އެވެ.