ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް 80 ޕަސެންޓް ގޮނޑިތައް ލިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު މިރޭ ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ އިންތިހާބުން ލިބޭނީ 20 ޕަސެންޓް ކަމަށެވެ.

"މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން [އެމްޑީޕީީއިން] ނަގާނީ ބޮޑުކޮށް، ބޮޑުކޮށް، ބޮޑުކޮށް. އަޅުގަނޑު މިރޭ މިހެން ދެންނެވީމަ ރައީސް މުއިއްޒު ހިސާބު ޖައްސަވާތި. މަނިކުފާނަށް %20،" ވަރަށް ފޯރިއާ އެކު ދެ އަހަރުދުވަހަށް ފަހު އަލުން އެމްޑީޕީގެ ޕޯޑިއަމްއަށް ރީނދޫ ޓައިއަކާ އެކު އެނބުރި ވަޑައިގެން ވާހަކަފުޅުދެއްވި ނަޝީދު ވިދާޅުވި އެވެ.

އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު ނަޝީދު ވިދާޅުވީ އެނބުރި ގެއަށް އާދެވުމުން އުފާވާ ކަމަށެވެ.

"އަލުން އަނބުރާ ގެއަށް އައިމާ އެވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން، އެ އަންނަ ހިނި، އަޅުގަނޑަށް ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނެ. ތިބޭފުޅުންނަށް ވަރަށް، ވަރަށް ބޮޑަށް ޝުކުރިއްޔާ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ ރިޔާސީ ޕްރައިމަރީން ބަލިވި ފަހުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ޖެހުނު މައްސަލައަކަށްފަހުއެވެ. ނަޝީދުގެ ތާއީދާއެކު ދަ ޑިމޮކްރެޓްސް އިން ނެރުނު ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިފައި ވަނީ 15،000 ވޯޓެވެ.