ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާ ބެހޭ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ. އޭނާ ވިދާޅުވީ މި ބިލުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގޭ ވޯޓުތަކުގެ އުސޫލުތަކާއި ހަމަތައް ގާނޫނެއްގެ ދަށުން ކަނޑައެޅުން ކަމަށެވެ. މީގެ ތެރޭގައި ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ގައުމީ މައްސަލަތައް ހިމެނެ އެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ވޯޓު ނެގިދާނެ ބައެއް މައްސަލަތަކުގެ ތެރޭގައި ގާނޫނުއަސާސީގެ ދެވަނަ ބާބު (އަސާސީ ހައްގުތަކާއި މިނިވަންކަން) ގައި ހިމެނޭ މާއްދާތަކަށް އަންނަ ބަދަލުތަކާއި، މަޖިލީހުގެ އުމުރާއި، ރިޔާސީ ދައުރާއި، ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ހިމެނެ އެވެ. އަދި ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައަޅާ ގާނޫނުއަސާސީގެ މާއްދާތަކަށް އަންނަ ބަދަލުތަކުގައިވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގިދާނެ އެވެ. މީގެ އިތުރުން، ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާ ހާލަތްތަކުގައިވެސް އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް އާންމު ވޯޓެއް ނެގޭނެ ކަމަށް ބިލުގައި ބުނެ އެވެ.
ބިލުގައިވާ ގޮތުން، ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން މަދުވެގެން ސާޅީސް ފަސް ދުވަހާއި ގިނަވެގެން ނުވަދިހަ ދުވަހުގެ ތެރޭގައި ވޯޓު ބާއްވަން ޖެހޭނެ އެވެ.
މި ވޯޓުގައި ބައިވެރިވުމުގެ ހައްގު އުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ލިބޭނެ އެވެ. އަދި މި ވޯޓަކީ ސިއްރު ވޯޓަކަށް ވާންވާނެ ކަމަށްވެސް ބިލުގައި ހިމަނާފައިވެ އެވެ.