ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއުއާ ގުޅިގެން ޖީއެސްޓީގެ ފައިސާ ދައްކަން ޖެހެނީ ދިވެހި ސަރުކާރުން ކަމަށް ކޯޓުން ނިންމާފައި ވަނިކޮށް އެ މަޝްރޫއު ހިންގި ސިންގަޕޫރުގެ ކުންފުނި އަތުން ޖީއެސްޓީގެ ގޮތުގައި 200 މިލިއަން ރުފިޔާ ހޯދުމަށް މީރާއިން ދައުވާކޮށްފި އެވެ.

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ހަވާލުކުރި ޝަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުނި އަތުން ޖީއެސްޓީ އާއި ޖޫރިމަނާގެ ގޮތުގައި 200 މިލިއަން ހޯދަން މީރާއިން ދައުވާކުރީ އެ ފައިސާ އެ ކުންފުނިން ނުދައްކާ ކަމަށް ބުނެ އެވެ.

ނަމަވެސް ސިވިލް ކޯޓުން މާޗް 2023 ގައި ކުރިން ނިންމާފައިވަނީ ޖީއެސްޓީގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. އަދި އެހާތަނަށް ޝަން ހުއާއިން ދެއްކި 227,000ރ. އަނބުރާ ދޭން އޭރު ސިވިލް ކޯޓުން އަންގާފައިވެ އެވެ.

ނަމަވެސް މީރާ 200 މިލިއަން ރުފިޔާ ހޯދަން ދައުވާ ކުރުމަށްފަހު މީރާއިން އެ މައްސަލާގައި ކޯޓުގައި ބުނެފައިވަނީ ޖީއެސްޓީގެ ފައިސާ ޝަންގް ހުވާ ކޮންސްޓްރަކްޝަނުން މީރާ އަށް ދެއްކުމަށް ފަހު ދިވެހި ސަރުކާރުގެ އަތުން އެ ފައިސާ އަނބުރާ ހޯދިދާނެ ކަމަށެވެ.

ސިވިލް ކޯޓުން ވެސް މިދިޔަ އަންގާރަ ދުވަހު ނިންމީ މީރާއިން ކުރާ ދައުވާ ކުރިއަށް ގެންދިއުމަށެވެ.

ދައުލަތުން ކުރިން ވަނީ ޖީއެސްޓީގެ ފައިސާ އަށް ދިވެހި ސަރުކާރުން ޒިންމާވާން ނުޖެހޭނެ ކަމަށް ބުނެ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ