އުމުރުން 33 އަހަރުގެ މީހަކު 106 ވަނަ ފަހަރަށް ހައްޔަރުކޮށްފި އެވެ.

ވައްކަމުގެ މައްސަލައެއްގައި އެމީހާ ހައްޔަރު ކުރި އިރު، ކްރިމިނަލް ކޯޓުގެ ރެކޯޑުން ދައްކާގޮތުގައި މިއީ އޭނާ ހައްޔަރު ކުރި 106 ވަނަ ފަހަރެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން މީގެ ކުރިން އޭނާ 105 ހައްޔަރުކުރި އިރު، 43 ފަހަރު ވަނީ އޭނާ ބަންދަށް ބަދަލުކޮށްފަ އެވެ.

އޭނާ ހައްޔަރުކުރި މައްސަލަތަކަށް ބަލާއިިރު އޭނާ އެންމެ ގިނައިން ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކުގަ އެވެ.

މިފަހަރު އޭނާ ހައްޔަރުކުރީ މަޖީދީމަގުން ގޮސް، ޗަމްޕާމަގަށް ހިނގާފައި ވަން އިރު ކަޅު ކޮތޮޅަކަށް ބަރު އެއްޗެހިތަކެއް އަޅައިގެން ދަނިކޮށް ފުލުހުން ފެނުމުން ބާރަށް ދަނިކޮށް، އޭނާ ހުއްޓުވިއިރު، އަތުން ފެނުނު ހަތަރު ރޯލު ކަރަންޓު ނަރުގެ މައްސަލާގަ އެވެ.

މި މައްސަލާގައި އޭނާ ބުނީ އެއީ މީހަކު ދިން އެއްޗެއް ކަމަށާއި އޭނާ ދިން ނަމްބަރަށް ގުޅުމުން އެ މީހާއާ ނުގުޅޭ ކަމަށެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އެއީ ވަގަށް ނަގާފައިވާ ތަކެތިކަމަށް ބެލެވޭތީ އެވެ.

އެ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން ބުނީ އޭނާ ހައްޔަރުކޮށް ބަންދަށް މުއްދަތު ދިނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.