އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގދ.ގައްދޫގެ ކައުންސިލް ރައީސްކަމަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާ އުފުލައި ޖަލުގައި ބަންދުކޮށްފައިވާ މުހައްމަދު އަހުމަދުއަށް ހޮވިއްޖެ އެވެ.

އޭނާ އިންތިހާބުގައި ވާދަކުރީ އިދިކޮޅު ޕީޕީއެމްގެ ފަރާތުންނެވެ. ވަގުތީ ނާތީޖާ ދައްކާގޮތުން އޭނާ ހޮވިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓު ރިޟާން ގެ މައްޗަށް 85 ވޯޓުގެ ކުރިއެރުމެއް ހޯދައިގެންނެވެ.

އަހުމަދު މުހައްމަދު ކައުންސިލް ރައީސްކަމަށް ހޮވުނީ 737 ވޯޓުންނެވެ. ރިޝާއަށް ލިބުނީ 652 ވޯޓެވެ.

އަހުމަދު މުހައްމަދަކީ މިދިޔަ ދައުރުގައި ވެސް ގައްދޫ ކައުންސިލްގެ ރައީސް އެވެ.

ކައުންސިލްގެ ރައީސްކަމަށް އަނެއްކާ ވެސް ހޮވުނުއިރު ދައުލަތުން އޭނާގެ މައްޗަށް ތިން ދައުވާއެއް ކުރެ އެވެ.

ތުހުމަތުކުރެވޭ ދައުވާތަކަކީ 2015 ވަނަ އަހަރު އޭނާ ކައުންސިލު ރައީސްކަމުގައި ހުންނެވި އިރު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު ތެރޭ މުހައްމަދު އަހުމަދުގެ މައްޗަށް ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު މުހައްމަދު އަހުމަދުގެ އުފުލި ދައުވާތަކުގެ އަޑު އެހުންތަށް ގެންދަނީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގައި ބާއްވަމުންނެވެ.

ޝަރީއަތަށް މައްސަލަ ސާބިތު ނުވާތީ އިލެކްޝަންސް ކޮމިޝަން (އީސީ)އިން މުހައްމަދު އަހުމަދުގެ ކެންޑިޑެސީއާ މެދު ވަކި ގޮތެއް ނިންމާފައި ނުވާތީވެ، އޭނާއަށް ވަނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިފަ އެވެ.