ފެބްރުއަރީ 13، 1960 ގައި މާލޭގެ ބޭރު ބަނދަރަށް ނަގިލި ވައްޓާލީ 555 ފޫޓުގެ ދިގު މަނަވަރެކެވެ. އެޗްއެމްއެސް ގެމްބިއާ ނަމަކަށް ކިޔާ 8،000 ޓަނުގެ އެ ބިޔަ މަނަވަރަކީ އިނގިރޭސިންގެ ހަނގުރާމަމަތީ މަނަވަރެކެވެ. މަނަވަރުން ވަޑައިގެންނެވީ އިނގިރޭސިވިލާތުގެ މިނިސްޓަ ފޯ ކޮމަންވެލްތު ރިލޭޝަންސް، މިސްޓަ ސީޖޭއެމް އޯލް ޕޯޓާއި، ސިލޯނުގައި ހުންނަވާ އިނގިރޭސި ހައި ކޮމިޝަނަރު އެލެގްޒެންޑާ މޯލީ އާއި މަތީ ދަރަޖައިގެ ވަފުދެކެވެ.
ހަނގުރާމަ މަތީ މަނަވަރެއްގައި އިނގިރޭސިވިލާތުގެ މިނިސްޓަރަކާއި ހައިކޮމިޝަނަރަކާއެކު މަތީ ފެންވަރުގެ ވަފުދެއް ރާއްޖެ ވަޑައިގެންނެވީ ރާއްޖެއާއި އިނގިރޭސިވިލާތުގެ މެދުގައި ބޭއްވަން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށެވެ. އޭގެ އެތައް އަހަރެއް ކުރިން އެފަދަ މަނަވަރެއްގައި އައިސް ރަސްގެފާނުގެ ގަނޑުވަރާ ދިމާފަޅުތެރޭގައި ކިރިޔާ ނުބީހޭ ހިސާބުގައި ބަޑިތައް ގަނޑުވަރަށް އަމާޒުކޮށްގެން ހޯދި ސޮއިގެ ޒަރީއާއިން ދިވެހިން ކުރުވި އަޅުވެތިކަމުގައި އެ މީހުން ނުތިބޭނެކަމުގެ ރަނގަބީލު އޭރު އޮތީ އިނގިރޭސިންގެ ކަންފަތް ދަށުގައި ގުގުމާފަ އެވެ. އެ އަޑު ފާޅުގައި އިއްވަމުން ގެންދެވީ އޭރު ދައުލަތުގެ ވެރިއެއްގެ ގޮތުގައި ހުންނެވި ވަޒީރުލް އައުޒަމް އިބްރާހިން ނާސިރެވެ.
މިސްޓަ އޯލްޕޯޓް މާލެ ވަޑައިގެންނެވީ ރާއްޖޭގެ ދެކުނުން އައްޑު އަތޮޅުގެ ގަން އިނގިރޭސިވިލާތަށް ފުރަތަމަ 100 އަހަރަށް، ފަހުން މިލްކުވާ ގޮތަށް ކުއްޔަށް ދޭން ކުރި އެގްރިމެންޓް ދިވެހި ސަރުކާރުން އުވާލުމުން އުފެދުނު ނުތަނަވަސްކަން ފިލުވައިލުމުގެ ބޭނުމުގަ އެވެ. ދިވެހި ސަރުކާރުން އެއްބަސްވުން އުވާލުމުގެ ނަތީޖާއެއްގެ ގޮތުން އިނގިރޭސިން އަޑީގައި ތިބެ ދެކުނުގެ ތިން އަތޮޅު ސަރުކާރުން ވަކިވެގަނެ އަމިއްލަ ދައުލަތެއް އިއުލާން ކުރި އެވެ. އެކަމުގެ ސަބަބުން އުފެދުނު ހަމަނުޖެހުންތަކަށްފަހު ދެކެވުނު ވާހަކަތަކުގެ ނަތީޖާއަކީ ދެފަރާތުން އާ އެއްބަސްވުމަކަށް އައުމެވެ. 100 އަހަރަށް ކުއްޔަށް ދިން ގަން، 30 އަހަރަށް ބަދަލުކުރެވުނެވެ. އަގަކާ ނުލަ އެވެ.
ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރުގެ މެދުގައި ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމުގައި އޮތީ ކުރިން ބަޔާން ކުރި އެގްރިމެންޓްގައި ސޮއިކުރުމެވެ.
އެފަދަ މުހިންމު މުނާސަބަތުތަކުގައި ދެފަރާތުން ހަދިޔާ ބަދަލުކުރުމަކީ ރަސްމީ އާދަކާދަތަކުގެ ތެރޭގައި ހިމެނިފައިވާ ސަގާފަތެކެވެ. އެހެންކަމުން އިނގިރޭސި ވަފުދުން ވެސް އެކަމަށް ދުރާލާ ތައްޔާރުވި އެވެ.
ދިވެހި ރާއްޖޭގެ ރަދުންނަށް އެރުވުމަށް އިނގިރޭސި ސަފީރު ހޯއްދެވީ ގަލަން ބަހައްޓާ އެއްޗެކެވެ. ރިހި އެއްޗެއް ހޯދަން އުޅެ އަގު ބޮޑުވުމުން ގަތީ ރިހި ކުލަ ޖައްސާފައި ހުރި އެއްޗެކެވެ. އެއީ ބާ އެއްޗެތި ވިއްކާ ފިހާރަޔަކުން ގަތް ބޭނުންކޮށް ދެބައިން ބާވެފައި އޮތް އެއްޗެކެވެ. އަގަކީ ފަންސާސް ޕައުންޑެވެ. ކުޑަކޮށް ޕޮލިޝްކޮށްލުމުން އާ އެއްޗެއްހެން ހީވާނެ ކަމުގައި އެމީހުންގެ ލިޔެކިއުންތަކުގައި އޮތެވެ.
ދިވެހި ބޮޑު ވަޒީރަށް ހަދިޔާއަކަށް އެރުއްވުމަށް މިސްޓަ މޯލީއަށް ހުއްދަ ލިބިވަޑައިގެންފައި އޮތީ ފަސް ޕައުންޑަށް ވުރެ އަގު ބޮޑު ނޫން އެއްޗެކެވެ. އޭނާ އެކަމަށް އިޚުތިޔާރު ކުރީ ބިއްލޫރި ވާސްއެކެވެ.
ބައްދަލުވުމުން ނިމުމުން އެނބުރި ކޮޅުނބަށް ވަޑައިގެން ކޮމަންވެލްތު ރިލޭޝަން އޮފީހަށް މިސްޓަ މޯލީ ލިއުއްވި ސިޓީގައި އެމީހުން އެރުވި ހަދިޔާ އާ އެއްފެންވަރަކަށް ދިވެހި ދައުލަތުން ހަދިޔާ ނުލިބުމުން ޝަކުވާ ކުރައްވާފައި އޮތެވެ.
"ބަދަލުގައި ހަދިޔާ އެއް ލިބުނީ ހަމައެކަނި ދައުލަތުގެ މިނިސްޓަރަށެވެ." މޯލީ ލިއުއްވާފައިވެ އެވެ.
އޭނާ އިތުރަށް ލިޔުއްވި ގޮތުގައި ދިވެހި ދައުލަތުން އެބޭފުޅުންނަށް ލިބި ވަޑައިގެންނެވީ އެއްވެސް އަގެއް ނެތް މަތިޖެހި ދަޅު ކޮޅެކެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި އެއީ ދިވެހިންގެ ކޮޅު މޮޅުކުރުމަށް އެމީހުން ގަސްދުގައިކުރި ކަމެކެވެ.
މިސްޓަ އޯލްޕޯޓާއި މިސްޓަ މޯލީގެ ދަތުރުފުޅުގައި ދިވެހި ދައުލަތުގެ އިސް ވެރިންނަށް، ބާވެފައިހުރި ހަދިޔާ ވެދުންކުރި ކަމަށް ވިޔަސް އެ ބޭފުޅުންނަށް މަޖުބޫރުވެވަޑައިގެން ދިވެހި ބޮޑުވަޒީރު އިބްރާހިމް ނާސިރާއެކު ކުރެއްވި އެއްބަސްވުމުގެ ސޮޔަކީ ދިވެހިންނަށް ލިބުނު ނިއުމަތެކެވެ.
ރާއްޖޭގެ އާއިލާއެއްގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ހޯދި އިނގިރޭސިންގެ ހިމާޔަތުގެ ވާފަށުން ދިވެހިން ސަލާމަތްވާން އެ އެގްރީމެންޓުން ފުރުސަތު ލިބުނެވެ.