މީގެ ފަސް މަސް ކުރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކަށް އޮންނަ 241 ކޮމިޓީން، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަކިކޮށްފައި ބެހެއްޓުމަށް ފަހު އޭނާ އެ ކޮމިޓީތަކަށް އަލުން އައްޔަންކޮށްފި އެވެ.
އެ ކޮމިޓީތަކަށް މިއަދު އަޒާން އައްޔަންކުރިއިރު، އޭނާ އެ ކޮމިޓީތަކުން އަޒާން ބޭރުކުރީ ރައީސް މުއިއްޒުގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ފާޑުކިޔުމުންނެވެ. އޭނާ ބޭރުކުރީ މިދިޔަ 3 މާޗުގަ އެވެ. އެ ދެ ކޮމިޓީން ވަކިކޮށް އަޒާން ހިމެނީ މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އާއި އިމްތިޔާޒު ކޮމިޓީއަށެވެ.
އޭރު އެ ގޮތަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ޖެހޭނެ ގޮތަށް ގާނޫނު ބަދަލުކުރުމާ ދެކޮޅު ހައްދަވައި އެ ބިލާ ގުޅިގެން ޕީޖީން ނެރުނު ވިޕްލައިންއާ އޭނާ ހިލާވެފައި ވަނިކޮށެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާންކުރެއްވި ގޮތުގައި ކޮމިޓީތަކަށް އެ ބަދަލު ގެނައީ 241 ކޮމިޓީގައި ކުރިން އިންނެވި، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްގެ ބަދަލުގައެވެ. އަދި މާލިއްޔަތު ކޮމިޓީގައި ކުރިން އިންނެވި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންގެ ބަދަލުގައެވެ.
ވިޕްލައިންއާ ހިލާފުވި މައްސަލައިގައި އަޒާން ޕީއެންސީގެ ޕީޖީ ރަސްމީ ވަޓްސްއެޕް ގްރޫޕުން ވެސް އޭރު ބޭރުކޮށްލި އެވެ. ނަމަވެސް މި ފަހުން އައިސް އަޒާންއާއި ސަރުކާރާ އޮތް ގުޅުން ރަނގަޅު ވަމުން އަންނަ ކަމަށް އަޑު އިވެ އެވެ. އަދި އޭރު އަޒާން މި ސަރުކާރުގެ ކަންކަމަށް ފާޑު ކިޔާފައިވަނީ ބައެއްގެ ލޯމައްޗަށް ދެއްކުމަށް ކަމަށް ވެސް ބައެއް ފަރާތަކުން މިއަދު އަންނަނީ ބުނަމުންނެވެ.