ރައީސް މުހައްމަދު މުއިއްޒުއާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ)ގެ ގުޅުން ގޯސްވެފައިވާ އަޑުތައް ފެތުރިފައިވަނިކޮށް އިންސްޓަގްރާމްގައި މާނަފުން ސްޓޯރީއެއް ނައިބު ރައީސް ހިއްސާކުރައްވައިފި އެވެ.
ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދުވަސްވަރު، ރަނިން މޭޓުގެ ގޮތުގައި މިހާރުގެ ނައިބު ރައީސް ހުސެއިން އެކްޓިވްކޮށް ފެނިވަޑައިގެންނެވި ނަމަވެސް ވެރިކަމަށް ވަޑައިގެންނެވިފަހުން ސަރުކާރުގެ ކަންކަމުން ނައިބު ރައީސް ބާކީ ކުރައްވާފައިވާ މަންޒަރު ސިފަވާކަމަށް ގިނަ ބަޔަކު އަބަދުވެސް ދަނީ ބުނަމުންނެވެ.
މިފަދަ ވާހަކަތައް ފެތުރިފައިވަނިކޮށް އިއްޔެގެ ވަގުތެއްގައި ނައިބު ރައީސް ސޯސަލް މީޑިއާގެ އިންސްޓަގްރާމްގައި ހިއްސާކުރެއްވި ޕޯސްޓަކާއެކު ގިނަ ބަޔަކު ދަނީ ރައީސްއާއި ނައިބު ރައީސްގެ ގުޅުން ގޯސްވީތޯ ސުވާލު ކުރަމުންނެވެ. ސްޓޯރީގައި ނައިބު ރައީސް ހުސެއިން އިނގިރޭސިބަހުން ލިޔުއްވާފައި ޖުމްލައިގައި ބުނަނީ އަގުވަޒަންނުކުރާ ތަނެއްގައި ނުހުރެ އެތަނެއް ދޫކޮށް ދިއުމަށެވެ.
މިއާއެކު ސަރުކާރު ތެރޭގައި ނައިބު ރައީސް ބާކީ ކުރައްވަމުންދާތީ އެމަނިކުފާނު ލިޔުއްވި ޕޯސްޓެއްތޯ މީހުން ދަނީ ސުވާލު ކުރަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިފަހުން ނައިބު ރައީސް ސަރުކާރުގެ ކަންކަމުގައި އަމަލީ ގޮތުން އުޅުއްވާ މަންޒަރުން ވަރަށް މަދުން ނޫނީ ނުފެނެ އެވެ.
ނައިބު ރައީސްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއްކަމަށް ބުނެ އެމަނިކުފާނު ސަރުކާރުތެރެއިން ބާކީ ކުރަމުންދާމަކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް ރައީސް މުއިއްޒުވެސް ސަރުކާރުންވެސް މިހާތަނަށް މިފަދަ ވާހަކަތަކަށް ރައްދެއް ދެއްވާފައިނުވެ އެވެ.