މިއީ 2023 ވަނަ އަހަރު ހިނގި ސޫދާނު ހަނގުރާމައިގެ ތެރޭގައި އުމުރުން 22 އަހަރުގެ އަންހެން ކުއްޖަކަށް ކުރިމަތިވި ހިތްދަތި ހާދިސާއެއްގެ ވާހަކަ އެކެވެ.
ސޫދާނުގެ އަލް-ޖެނެއިނާގައި ދިރިއުޅެމުން އައި އުމުރުން އެންމެ 22 އަހަރުގެ އިސްލާމް (ފުރިހަމަ ނަމެއް ނޫން) ކިޔާ އަންހެން ކުއްޖެއްގެ ދިރިއުޅުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެއްކޮށް ބަދަލުވެގެން ދިޔަ އެވެ. އިމްތިހާނުތަކަށް ތައްޔާރުވަމުން ދިޔަ މި 22 އަހަރުގެ އަންހެން ކުއްޖާގެ ގެއަށް ވައިގެ ހަމަލާއެއް އަމާޒުވި އެވެ.
މިހާރު ޗާޑްގެ އިރުމަތީ ސަރަހައްދުގައިވާ އަދްރޭގެ ރެފިއުޖީ ކޭމްޕެއްގައި ހުރެ، އޭނާ ކަރުނަ އަޅަމުން އެ ދުވަހުގެ ހިނގި ހިތާމަވެރި ހާދިސާ ހަނދާން ކުރަމުންދިޔަ އެވެ.
ވައިގެ ހަމަލާއިން ސަލާމަތްވުމަށްފަހު، އޭނާ ވަނީ ސޫދާނުގެ ސިފައިންނާ ދެކޮޅަށް ދެ އަހަރު ވަންދެން ހަނގުރާމަ ކުރަމުންދާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ މެންބަރުން ވަގަށް ނަގާފަ އެވެ. އޭނާ އެ މީހުންގެ އެދުންތަކަށް ތަބާނުވެއްޖެނަމަ އޭނާގެ އާއިލާ މަރާލާނެ ކަމުގެ އިންޒާރުދިނެވެ.
"އެ މީހުން އަހަރެންނަށް ކުރި ކަންތައްތަކަށް ވުރެ މަރުވުން މާ ރަނގަޅުވީސް،" ރޮމުން، ގިސްލަމުން އެ އަންހެން ކުއްޖާ ބުންޏެވެ.
އެ ހަނގުރާމަވެރިން އިސްލާމް ދުރު ރަށަކަށް ގެންގޮސް، ދެ ދުވަސް ވަންދެން ބަރަހަނާކޮށް ބެހެއްޓި އެވެ. އަދި މެދު ނުކެނޑި އެ އަންހެން ކުއްޖާ ރޭޕް ކުރަމުން އެ މީހުން ގެންދިޔަ އެވެ.
އެ އަންހެން ކުއްޖާ ކިޔައިދިން ގޮތުން އެކަކު ދެގަޑިއިރު، ނުވަތަ ތިންގަޑި އިރުވަންދެން އޭނާ އާ ޖިންސީގުޅުން ހިންގަ އެވެ. އަދި އެކަކު ނިމުމުން އަނެކަކު އައިސް އޭނާއާ ބެހެން ފަށަ އެވެ. ހުއްޓުމެއް ނެތި ރޭޕް ކުރަމުން ގޮސް އެ ކުއްޖާއަށް ދެ ދުވަސް ވަންދެން ނިދިކޮޅެއް ވެސް ނުލިބޭ ކަމަށް އޭނާ ބުނެފައިވެ އެވެ.
"އަހަރެން ގެންގޮސް އެ މީހުން އަހަރެން ރޭޕް ކުރި. އެކަކު ދެތިން ގަޑިއިރު ހުންނާނެ އަހަރެންނާ ބެހިފައި. ދެން އޭނާގެ އަނެއް ރައްޓެހި މީހާ އަންނާނެ އަހަރެން ރޭޕް ކުރަން. ދެން އޭނާ ނިމުނީމަ އަނެކަކު،" އެ އަންހެން ކުއްޖާ ގިސްލަމުން ކިޔައިދިނެވެ.
"އަހަރެންނަށް ނޭވާ ވެސް ނުލެވުނު، އެވަރު ކުރި އަހަންނަށް،" އޭނާ އިތުރަށް ކިޔައިދިނެވެ.
މި ނުރައްކާތެރި ހާދިސާގެ ސަބަބުން އޭނާއަށް ކުރިން ނެތް ހާސްކަމުގެ ބައްޔެއް ޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން އެ އަންހެން ކުއްޖާ ބުނީ އެ މީހުން އޭނާ ރޭޕް ކުރަން ފެށީމަ، ސަލާމަތްވާން މަސައްކަތް ކުރާއިރަށް ތަޅާ އަނިޔާކޮށް ހަދާ ކަމަށެވެ.
"އަމިއްލަ ނަފުސު ސަލާމަތް ކުރަން މަސައްކަތް ކުރުމުން ވެސް އެމީހުން ވަރަށް އަނިޔާކުރި. ވަރަށް ތެޅި އަހަރެންގެ ގައިގަ،" އޭނާ ބުންޏެވެ.
ދެ ދުވަހަށް ފަހު އެ މީހުން އޭނާ އަނބުރާ ގެނައިއިރު، އޭނާ ދިރިއުޅުނު ގެ ވެސް ވަނީ ފޭރިގަނެފަ އެވެ. އެންމެން ވަނީ ގެއްލިފަ އެވެ. އާއިލާ މީހަކު ވެސް ނެތެވެ. އެކަން ފާހަގަކުރަމުން އުމުރުން 22 އަހަރުގެ މުސްލިމް ދިޔައީ ގިސްލަމުންނެވެ.