ސްރީލަންކާގައި ނުރައްކާތެރި ބަސް އެކްސިޑެންޓެއް ހިނގައި 15 މީހުން މަރުވެ، 18 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 9:15 އެހާއިރު ޓެންގަލް މުނިސިޕަލް ކައުންސިލްގެ މުވައްޒަފުންތަކެއް ގޮވައިގެން ދަތުރުކުރަމުން ދިޔަ ބަހެއް، މަގުގެ މެދަކާ ހިސާބުން ކޮންޓްރޯލުން ނެއްޓި، 200 ފޫޓު ފުން ވަޅުގަނޑަކަށް ވެއްޓިގެންނެވެ.
މި ހާދިސާގައި ނުވަ އަންހެނުންނާއި ހަ ފިރިހެނުން މަރުވެފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެ އެވެ. މީގެ އިތުރުން އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިންވެސް ހިމެނެ އެވެ. އެކްސިޑެންޓުގައި އަނިޔާވި މީހުން ސަލާމަތްކުރަން އުޅުނު ދެ މީހަކުވެސް އެ ވަޅުގަނޑަށް ވެއްޓި ޒަހަމްވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ލަންކާގެ ފަރުބަދަމަތީ ސަރަހައްދުތައް ހުރަސްކުރުމަށް އޮންނަ މަޝްހޫރު އެލާ-ވެލަވައްޔާ މަގުގަ އެވެ. މި މަގަކީ ފަތުރުވެރިންނާއި އާއްމުގެ މެދުގައި މަގުބޫލު މަގެއް ނަމަވެސް، މަގުގެ ގޮތުން މިފަދަ އެކި ހާދިސާތައް ކުރިމަތިވެ އެވެ.