ރަށްރަށުގެ ކައުންސިލްތަކަށް މިހާތަނަށް 450.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީއިން ކޮންމެ ހަފްތާއަކު ޢާންމުކުރާ ހަފްތާގެ މާލީ ތަފާސް ހިސާބުތަކުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޭން ވަނީ ކަނޑައަޅާފަ އެވެ. އެއީ ބަޖެޓުގެ ޕަސް ޕަސަންޓެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ކައުންސިލްތަކަށް ދޫކޮށްފައިވާ ފައިސާގެ އަދަދަކީ 415.3 މިލިއަން ރުފިޔާ އެވެ. މިއަހަރު އެޕްރީލް މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ކައުންސިލްތަކަށް ފިނޭންސުން ދޫކޮށްފައިވާ ފައިސާގެ އަދަދަކީ 450.3 މިލިއަން ރުފިޔާ އެވެ.
ލާ މަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތަށް ވަނީ މާލީ ގޮތުން ބާރުގަދަކޮށްފަ އެވެ. އެގޮތުން ރަށުގެ އިހުތިސާސް ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ހިދުމަތްތަކުން ލިބޭ އާމްދަނީ އެއްްކޮށް ކައުންސިލްތަކަށް ދިނުން ހިމެނެ އެވެ. އަދި "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދޭ ގޮތުގައި ކައުންސިލްތަކަށް ޑޮމެސްޓިކް ރެވެނިއުގެ ފަސް ޕަސަންޓު ދައުލަތުގެ ބަޖެޓުން ދިނުން ހިމެނެ އެވެ.
މީގެ އިތުރުން ރަށްރަށުގައި ހިންގާ ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫއުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެ އެވެ. އަދި އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި ރަށުގެ ތަރައްގީއަށް މަސައްކަތްތަކެއްކުރުމުގެ ބާރު ކައުންސިލްތަކަށް ލާ މަރުކަޒީ ގާނޫނަށް ގެނައިި އިސްލާހުގެ ސަބަބަބުން ލިބިގެންދާނެ އެވެ.