ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކޮށްގެން ވިއްކަނީ ރައީސް މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ ވެރިންކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
އޮކްޓޯބަރު 3 ވަނަ ދުވަހުގެ މުޒާހަރާއާއި ގުޅިގެން ނުހައްގުން ހައްޔަރުކޮށްފައިވާ މާފުށި ކައުންސިލް ރައީސް ހަސަން ސޮލާހް ވަގުތުން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު އެމްޑީޕީން ރޭ މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ އަލީ އިހުސާން ހޯމް މިނިސްޓަރު ކަމާ ހަވާލުވުމަށްފަހު، އެންމެ ފުރަތަމަ ވެސް ކަސްޓަމްސްގެ 200 މިލިއަން ކޮޕަރްޝަނުގެ ވާހަކަ އާއި ކަރެކްޝަންގެ ކޮރަޕްޝަނުގެ ވާހަކަ ދައްކާފައިވަނީ ރައީސް މުއިއްޒުއަށް އޭނާގެ މޮޅުކަން ދެއްކުމުން ގޮތުން ކަމަށް ކަމަށެވެ.
އިހުސާން އަކީ މިއަދުގެ ސަރުކާރުގައި ހުރި އެންމެ އަނިޔާވެރި މީހާ ކަމަށް ސިފަ ކުރައްވަމުން އޭނާ ވިދާޅުވީ. މިހާރު އިހްސާން މަސައްކަތް ކުރަމުންދަނީ ރައްޔިތުން ބިރުގަންނަވަން ކަމަށާއި އެގޮތުން، ހައްގަށް ވަކާލާތުކޮށް އަޑު އުފުލާ ފަރާތްތަށް ހައްޔަރުކުރުމާއި މަގުމަތިންދާ ޒުވާން ކުދިންގެ ފޯނު ހިފެއްޓުމަކީ މިއަދު މިނިސްޓަރު އިހުސާންއަށް ކުރެވޭ ހަމައެކަނި ކަންތައް ކަމަށެވެ.
ނަމަވެސް އެމްޑީޕީ އަކީ މިހެން ދައްކާ ބިރަކަށް ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫން ކަމަށާއި މުޒާހަރާ ކޮށްގެން ދުވާލަކަށް 15 މީހުން ހައްޔަރުކޮށް 15 ދުވަސް މަތިމައްޗަށް ޖެހި ކަމުގައިވީ ނަމަވެސް އަނިޔާވެރިކަމާއި ދެކޮޅަށް ވަކާލާތު ކުރުން ހުއްޓާ ނުލާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވީ ވައުދުތަކުގެ ތެރޭގައި އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ހައްޔަރީން ނުތިބޭނެ ކަމަށް ވައުދުވި ނަމަވެސް އެމަނިކުފާނު މިހާތަނަށް ވެފައިވާ ކޮންމެ ވައުދެއް ދަނީ ނުއަތަށް ކަމަށްވާއިރު، މުޒާހަރާއަށް ނިކުންނަ މީހުން ހައްޔަރުކޮށް ބިރު ދެއްކުމަކުން ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް ނިކުތީ ރައްޔިތުންގެ ހައްގުގައި ކަމަށާއި ލާމަރުކަޒީ ނިޒާމަށް ގެނެސްފައި އޮތް އިސްލާހުން މިއަދު ކައުންސިލްތަކަށް މާ ބޮޑު ބާރެއް ނެތް އިރު، އެކަމުގައި ރައްޔިތުންގެ ފަރާތުން ބަސް އިއްވަން ކަމަށާއި ނަމަވެސް ބިޑި އަޅުވައި، އަނިޔާކޮށް ހައްޔަރަށް ގެންދިއައީ ކޮން ކުށެއްގެ ތުހުމަތުގައި ކަމެއް ވެސް ފުލުހުން ބުނެފައިނުވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު މި ގައުމުގެ ޒުވާނުންނަށް އެންމެ އުނގަދޫވެގެން އުޅެނީ ސިނގިރޭޓްގެ އަގު ބޮޑުކޮށް ބިޑި އޮޅަން ޖެހުމުން ކަމަށާއި މިކަމުން ވެސް މި ސަރުކާރުން ނަގަނީ ނާޖާއިޒް ފައިދާ ކަމަށެވެ. އަދި މި ގައުމަށް ސިނގެރޭޓް އެތެރެކޮށްގެން ވިއްކަނީ މި ސަރުކާރުގެ ވެރިން ކަމަށާއި އެއީ އެއްވެސް މީހަކު ދެބަސް ނުވާނޭ ހަގީގަތެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ތަކެތި ހަތަރެސްފައިގައި ބަނދެގެން ގައުމަށް އެތެރެކުރަނީ މި ސަރުކާރުގެ ވެރިންގެ ދަރިން ކަމަށާއި އެކަން މިއަދު މި ގައުމަށް ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް ކަމަށެވެ. އަދި މިއީ ސިނގިރޭޓާއި އެއްކޮޅަށް ވާހަދައްކަނީކީ ނޫން ކަމަށާއި، މި ދައްކަނީ މި ސަރުކާރުގެ ވެރިން ސިނގިރޭޓުން ވައްކަން ކުރާ ވާހަކަ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިރާއްޖޭގެ ރައްޔިތުން ދެން މި ސަރުކާރުގެ އަނިޔާވެރިކަން ބޭނުން ނޫން ކަމަށާއި، މިއަނިޔާވެރި ސަރުކާރަށް އަޑު އިއްވަން 17 ނޮވެމްބަރުގައި އަނެއްކާ ވެސް އެމްޑީޕީން ނިކުންނާނެ ކަމަށް ވިދާޅުވަމުން މިހާރު ހައްޔަރުކޮށްފައި ތިބި ހުރިހާ ސިޔާސީ ހައްޔަރީން ވަގުތުން ދޫކޮށްލުމަށް ޒިޔާދު ވަނީ ރައީސް މުއިއްޒުއަށް ގޮވާލާފަ އެވެ.