އައްޑޫ ސިޓީ ކައުންސިލްގެ ބަދަލުގައި ވަކި ވަކި ރަށު ކައުންސިލުތަކެއް އުފެއްދުމާއި ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުން އެ އަތޮޅު ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ އޮތް ސުވާލު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު އުނިކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުން ސުވާލަށް އިސްލާހު ގެންނަން ނިންމީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުން އެގޮތަށް ފާސްކުރުމަށްފަހު އެވެ.
މި ނިންމުމާއިއެކު 25 ގައި އޮންނަ ވޯޓުގައި ދެން ހިމެނޭނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި އައްޑޫ ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ބެހޭ ސުވާލުތައް އެކަންޏެވެ.
ސަރުކާރުން ބުނީ، ރައްޔިތުން އެދެމުންދާ ގޮތަށް، ރަށުގެ އިދާރީ ކަންކަން އެ ރައްޔިތުން ބޭނުންވާ ގޮތަށް ހަމަޖެހިދާން އެ ރަށްތަކުގެ ރައްޔިތުން ބޭނުންވާ ގޮތެއް ދެކުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ވަނީ މި މައްސަލައިގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
މި ވޯޓުގައި ސަރުކާރު ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ އައްޑޫގެ ދާއިރާތައް ތަމްސީލުކުރާ މަޖިލިސް މެންބަރުންނާއި އެކްޓިވިސްޓުން ގެންދަނީ ވަކި ކައުންސިލުތަކެއް އުފައްދަން ވޯޓު ދޭން ގޮވާލަމުންނެވެ. ސަރުކާރު ޕާޓީގެ މެންބަރުންގެ ތެރެއިން މިކަމާ ދެކޮޅަށް އަޑުއުފުލީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެކަންޏެވެ.