ޑްރަގްގެ ބާވަތެއް ކަމަށްވާ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއަކަށް އިއުތިރާފުވުމުން 12 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

ގައްސާން އަލީ ކިޔާ މީހެއްގެ މައްޗަށް ދައުލަތުން ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލީ 2021 ވަނަ އަހަރުގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އޭނާ އާއި އިތުރު ބައެއްގެ އަތުން ގިނަ އަދަދެއްގެ ކެނެބިސް ފެނިފައިވާތީ އެވެ.

މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ވަދެގަތް އެޕާޓްމެންޓެއްގެ ތެރެއިން ގައްސާނާއި އިތުރު ދެ މީހެއްގެ އަތުން ކެނެބިސް ފެނިފައިވެ އެވެ. އޭގެ ފަހުން ގައްސާން ދިރިއުޅޭ އެޕާޓްމެންޓުން ވެސް ކެނެބިސް ފެނިފައިވެ އެވެ.

ގައްސާންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ފެށުމުން އޭނާ ވަނީ ދައުވާއަށް އިންކާރު ކޮށްފަ އެވެ. އެއާ އެކު ދައުވާ ސާބިތުކުރަން ދައުލަތުން ހެކި ވަނީ ހުށަހަޅައިފަ އެވެ.

އެހެން ނަމަވެސް 2022 ވަނަ އަހަރު ހުށަހެޅި ދައުވާގައި ހެކި ބަސް ނަގާ މަރުހަލާއާ ހަމައަށް ހަތަރު އަހަރު ވެގެން ދާއިރު ވެސް ވާސިލް ނުވެވި ވަނިކޮށް ގައްސާން ވަނީ ދައުވާ އަށް އިއުތިރާފުވެފަ އެވެ.

އިއުތިރާފް އެއްބަސްވުން ހެދުމަށް ގައްސާންގެ ފަރާތުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހެޅުމުން މިދިޔަ މަހުގެ ތެރޭގައި އެ އެއްބަސްވުން ހަދައި، ކޯޓަށް ހުށަހަޅާފައިވެ އެވެ. ކްރިމިނަލް ކޯޓުން ވަނީ އެ އެއްބަސްވުން ބަލައިގަނެ، އޭގައިވާ އަދަބު ގައްސާންގެ މައްޗަށް ކަނޑައަޅަން ނިންމައިފަ އެވެ.

އެއްބަސްވެފައިވަނީ ގައްސާންގެ މައްޗަށް 12 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމަކާ އެކު 50،000ރ. އިން ޖޫރިމަނާ ކުރުމުގެ އަދަބަށެވެ.

ތަހުގީގު އަދި ޝަރީއަތުގެ މަރުހަލާގައި ތިން އަހަރާއި 11 މަސް ގައްސާން ހޭދަކޮށްފައިވާތީ، ބާކީ އޭނާ ތަންފީޒު ކުރަން ޖެހޭނީ 8 އަހަރާއި ހަ މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.