އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، މިހާރު ދޭ އެލެވެންސް ކޮންމެ ދަރިއަކަށް މަހަކު 3،000ރ. ރޭޓުން ބޮޑުކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ލ. ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެ ކަމަށެވެ.
އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެއް ކުއްޖަކު ހުރިނަމަ މިހާރު ލިބެނީ 2،000ރ.ގެ އެލަވަންސެކެވެ.
އަންނަ އަހަރުގެ ބަޖެޓްގައި އެކަމަށް 211 މިލިއަން ރުފިޔާ ހިމަނަން ވަނީ ނިންމާފަ އެވެ. އެ އެލެވެންސް ލިބެންޖެހޭ 5،878 މީހުން މިހާރު އެބަތިއްބެވެ.
މީގެއިތުރުން ތެލެސީމިއާ ކުދިންނަށް 1،000ރ. ގެ އެލެވެންސްއެއް އަންނަ ޖެނުއަރީ މަހުން ފެށިގެން ދޭން ނިންމެވިކަން ރައީސް މިރޭ އިއުލާން ކުރެއްވި އެވެ. މުޅިން އަލަށް ދޭ އެ އެލަވަންސް ދިނުމަށްޓަކައި ދައުލަތުގެ ބަޖެޓްގައި 11.7 މިލިއަން ރުފިޔާ ހިމަނާނެ އެވެ.