މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ވެސް ރާއްޖޭގެ އިގްތިސާދީ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭ އިން މިރޭ ނެރުނު މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރާއްޖޭގެ އިގްތިސާދީ އަޕްޑޭޓްގައިވާގޮތުން ދުނިޔޭގެ އިގްތިސާދީ ހާލަތު ޔަގީންކަން ކުޑަ ގޮތަކަށް ހުރި ނަމަވެސް، ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު ހަލުވިމިނެއްގައި ދެމެހެއްޓިފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން މި އަހަރު ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 4.5 ޕަސެންޓަށް ކަމަށް އެ ބޭންކުން ބުންޏެވެ.
"ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރުމާއި، ފޯރިގަދަ މަސްވެރިކަމުގެ ދާއިރާއާއި، ރަނގަޅުވަމުން އަންނަ ފިސްކަލް ބެލެންސް އަދި މަޑުޖެހެމުން އަންނަ އިންފްލޭޝަނާއެކު، މި އަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް ރާއްޖޭގެ އިގްތިސާދީ ކުރިމަގު ފެންނަނީ އުޖާލާކޮށެވެ،" އެމްއެމްއޭ އިން ބުންޏެވެ.
ރާއްޖޭގެ އިގްތިސާދަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ރަނގަޅު ކުރިއެރުމެއް ހޯދާފައިވާއިރު، މިކުރިއެރުން ލިބިފައިވަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި އަދި އިމާރާތްކުރުމުގެ ދާއިރާއިން ލިބުނު ރަނގަޅު ކުރިއެރުމުގެ ސަބަބުން ކަމަށް އެ ބޭންކުން ބުންޏެވެ. މި ކުއާޓަރުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 475,708 އަށް އަރާފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16 ޕަސެންޓްގެ އިތުރު އަދަދެކެވެ.
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރާފައިވެ އެވެ. މިއީ އަހަރުގެ މިހާތަނުގައި މިއަދަދު ހާސިލްކުރެވުނު ފުރަތަމަ ފަހަރެވެ. އެގޮތުން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފާވަނީ ޗައިނާއިންނެވެ. ދެވަނައަށް ރަޝިޔާ އަދި ތިންވަނައަށް އިނގިރޭސިވިލާތުންނެވެ. އަދި ޖުމުލަކޮށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރެއިން، އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޔޫރަޕުގެ ގައުމުތަކުންނެވެ.
އެމްއެމްއޭ އިން ބުނީ އަހަރުގެ ދެވަނަ ކުއާޓަރުގައި މަސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ގަނެވުނު މަހުގެ ޖުމްލަ އަދަދު 101 ޕަސެންޓަށް އިތުރުވެފައިވެ އެވެ. މީގެ ތެރެއިން ކަޅުބިލަމަހުގެ އަދަދު 133 ޕަސެންޓަށް އިތުރުވެފައިވެ އެވެ.
އިމާރާތްކުރުމުގެ ދާއިރާ ވެސް މި އަހަރު ވަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރާފައި ކަމަށާއި މިކަމަށް އެހީތެރިވެފައިވަނީ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާއި ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއުތައް ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ. އަދި ރިއަލް އެސްޓޭޓް ދާއިރާވެސް ވަނީ އެއްހަމައެއްގައި ކުރިއަރާފައި ކަމަށް އެ ބޭންކުން ބުންޏެވެ.
ހަމައެއާއެކު، ފާއިތުވި ކުއާޓަރުގެ 5.3 އަޅާބަލާއިރު، އިންފްލޭޝަން ރޭޓު ވަނީ 4.6 އަށް ޕަސަންޓް ދަށްވެފަ އެވެ. އިންފްލޭޝަން ރޭޓް ދަށްވެފައިވަނީ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް މަޑުޖެހިފައިވާތީ އެވެ.
އެމްއެމްއޭ އިން ބުނީ ސަރުކާރުގެ މާލީ ހާލަތު ވަނީ ފާހަގަކޮށްލެވޭ ވަރަށް ރަނގަޅުވެފައި ކަމަށެވެ. އެގޮތުން ހިލޭ އެހީ ނުހިމަނައި ޖުމްލަ އާމްދަނީ 8.9 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ލޯނު އަނބުރާ ދެއްކުން ނުހިމަނާ ޖުމުލަ ޚަރަދު 1.6 ބިލިއަން ރުފިޔާއަށް ދަށްވެފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
"ހަރަދު ދަށްވެފައިވަނީ ކެޕިޓަލް ހަރަދު ކުޑަވުމުގެ ސަބަބުންނެވެ. ހަމައެއާކު، މާލީ ދާއިރާ ވަނީ ހަރުދަނާކަމާއެކު ދެމެހެއްޓިފައެވެ. އަދި ރަނގަޅު ރައުސުލްމާލެއް ހިފެހެއްޓިފައިވެއެވެ،"
"ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ 50 ޕަސެންޓްގައި ހިފެހެއްޓިފައިވާއިރު، ލޯނު ދޫކޮށްފައިވާ އަދަދު ކުރިއަރާ މިންވަރުވަނީ އެއްހަމައެއްގައި ހިފެހެއްޓިފަ އެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް 832.4 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާއިރު، މިއަދަދު އިތުރުވެފައިވަނީ އިންޑިއާގެ ރިޒާވް ބޭންކުން ހޯދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުންނެވެ.
ފިޔާ ސާފު ކުރުމަށްފަހު ތޮށިތައް އުކާނުލާތި!
"ނުރަނގަޅު ކަންކަން ކުރުމަށް ކުރީ ސަރުކާރަކީ ހުއްޖަތެއް ނޫން"
ޑެންގީ ހުމުން ސިއްހަތަށް ދާއިމީ ގެއްލުން ލިބޭ؟
