ދަރިފުޅަށް ޖިސްމާނީ އަދި ޖިންސީ އަނިޔާދިންކަމުގެ ތުހުމަތުގައި 50 އަހަރުގެ މަންމައަކު މާލެ ސަރަހައްދުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލެ ސަރަހައްދުގައި ކުޑަ ފިރިހެން ކުއްޖަކަށް އެ ކުއްޖާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ އެ ކުއްޖާއަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 28 ވަނަ ދުވަހު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތު ކުރެވޭ އަންހެން މީހާ ކޯޓް އަމުރެއްގެ ދަށުން އިއްޔެ ވަނީ ހައްޔަރު ކޮށްފަ އެވެ. އެ އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުންނެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.