އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ އަދަދަކީ މަސައްކަތްތައް ފުރިހަމައަށް ކުރުމަށް އެކަށީގެންވާ އަދަދަކަށް ނުވާތީ ބަޖެޓު 84.7 މިލިއަނަށް ބޮޑުކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އޭސީސީއަށް ޖަހާފައި އޮތީ 47.8 މިލިއަން ރުފިޔާ އެވެ. ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވަނީ އެ ބަޖެޓުން ނުފުދޭ ކަމަށް ވިދާޅުވެފަ އެވެ.

ބަޖެޓާ ގުޅިގެން ކޮމިޓީގައި ވާހަކަދައްކަމުން ޝާމިލް ވިދާޅުވީ އޭސީސީއަށް މަތިކޮށްފައިވާ ބަޖެޓަކީ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށޭނަ ބަޖެޓެއް ނޫން ކަމަށެވެ. އެހެންކަމުން މިހާރު އޮތް ބަޖެޓަށްވުރެ ބޮޑު ބަޖެޓެއް އެ ކޮމިޝަނަށް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީން ބުނީ މިހާރު ވެސް މަހެއްގެ މައްޗަށް ހަމަ އެކަނި ތަނުގެ ކުއްޔަށް ވެސް 400،000ރ. ހޭދަވާކަމަށެވެ. އެހެންކަމުން އޮފީސް ޖާގައެއް ހޯދުމަށް މިހާރު އޮތް ބަޖެޓުގެ ތެރެއަށް އިތުރު ހަތް މިލިއަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށް އެ ކޮމިޝަނުން ވަނީ ބަޖެޓު ކޮމިޓީގައި އެދިފަ އެވެ.

މިއަހަރު އޭސީސީއަށް 52.7 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖެއްސިއިރު 2024 ވަނަ އަހަރު ވެސް ދިނީ 47 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމިޓީގައި ހިމެނޭ މެންބަރުން ވަނީ ބޮޑު ބަޖެޓެއް ހަމަޖެއްސި ނަމަވެސް އޭސީސީއަށް ނަތީޖާ ނުނެރެވޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހޯދަން އެންގި 77 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ އެންމެ 49،437.45ރ. އެވެ.

އޭސީސީއަށް މިދިޔަ އަހަރު ޖުމްލަ 1،171 މައްސަލަ ހުށަހަޅާފައިވެ އެވެ. އޭގެތެރެއިން 732 މައްސަލަ ރަޖިސްޓްރީކުރިއިރު، 439 މައްސަލަ ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ.

މިދިޔަ އަހަށް އޭސީސީއަށް 47 މިލިއަން ރުފިޔާގެ ބަޖެޓެއް ދިން އިރު މި އަހަރަށް އެ ކޮމިޝަނަށް ކަނޑައެޅީ 52.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ ކޮމިޝަނަށް އެކަށައަޅާފައި ވަނީ 47.8 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.