ދައުލަތަށް ގެއްލުން ނުވާނެ ގޮތަކަށް ރައްޔިތުންނަށް ބޭނުންވާ މަޝްރޫއުތައް ހުރިހާ ރަށެއްގައި ވެސް ހިންގަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ގިނަ މަޝްރޫއުތައް ނިންމުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ.

ރައީސް ވިދާޅުވީ ޖުމްލަކޮށް މި އަހަރު ނިމުނު ކަންކަމާއި، ސޮއި ކުރެވުނު މަޝްރޫއުތަކާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ވެގެން ދާނީ ރިޔާސީ އިންތިހާބު ތެރޭގައި ރައްޔިތުން އެމަނިކުފާނުގެ ގާތުގައި ދެންނެވި ކަންކަން ފުރިހަމަ ވެގެން ދާނެ މަޝްރޫއުތަކަކަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި މި ސަރުކާރު ހިނގާނީ ރައްޔިތުން ބޭނުންވާގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގަން ނިންމާފައިވާ މަޝްރޫއުތައް އަވަހަށް ނިމި އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ކަންކަން ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.

ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލާފައި މިވަނީ ހަތް މަސް ދުވަހުގެ ތެރޭގައެވެ. އެމްޓީސީސީން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން 10.15 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އެއާއެކު އެ ރަށުގެ ބިން މިވަނީ ދެ ގުނައަށް އިތުރުވެފައެވެ. އަދި 940 މީޓަރުގެ ހިލަ ރިވެޓްމަންޓު ޖަހައި، 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ވެސް ވަނީ ޖަހައިފައެވެ.

ގުޅި ބިން ހިއްކުމުގެ މަޝްރޫއު ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.

މިއަދު ގުޅީގައި ބޭއްވި މި ރަސްމިއްޔާތުގައި އެ ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގައި ވަނީ ސޮއިކޮށްފައެވެ.