ހޯމަ ދުވަހުން ފެށިގެން ސާފު ފެން ނުލިބި ފެނަށް ޖެހިފައި އޮތް ފުވައްމުލަކަށް ބޯފެން ގެންދިޔުމަށް މޯލްޑިވިއަނުން އެ ރަށަށް ޗާޓަރުކޮށްގެން އަޅަމުންދާ ފްލައިޓުތަކުން، ވެރިކަންކުރާ ޕީއެންސީއިން މާލޭގައި ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާއަށް މީހުން ގެންނަކަން އެނގިއްޖެ އެވެ.

ސާފު ބޯފެންފޮދެއް ނުލިބި ފުވައްމުލަކު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހާލުގައި ޖެހިފަ އެވެ. އެގޮތުން ފެނެކައިން އެކަން ހައްލުކުރުމުގެ ނަމުގައި ގެއްދަނީ އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އިޅުވާލައި ބޮޑެތި ގޮދުތައް ހަދަމުންނެވެ. އެގޮތުން މިއަދު ވެސް އެ ރަށަށް ފެން ދޫކިުރަން ފަށާނެ ކަމަށް ބުނެވެސް ފެނަކައިން ވަނީ ދޮގު ހަދާފަ އެވެ.

މިހާރުގެ ހާލަތަށް ވިސްނާއިރު، މިއީ ސަރުކާރުގެ ތެރެއިން ވަރަށް ބޮޑަށް ރޭވިގެން، ގަސްދުގައި ކޮށްގެން އުޅޭ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުން ފޯމުލަކަށް ފެންގެން ދިއުމުގެ ނަމުގައި ފްލައިޓްތައް ޗާޓަރުކޮށްގެން މިކުރަނީ ޖަލްސާއަށް މީހުން ގެންދިއުމުގެ ދަތުރުކަމަށް ގިނަ ބަޔަކު ވަނީ ބުނަން ފަށައިފަ އެވެ.

ފެން ކެނޑުމާއި ގުޅިގެން ހޯމަ ދުވަހު ދަންވަރުން ފެށިގެން ފުވައްމަލަކަށް ފެން ގެންދިޔުމަށް މޯލްޑިވިއަން އިން ދަނީ ފުވައްމުލަކަށް ފްލައިޓު އަޅަމުންނެވެ.

މި ފްލައިޓުތަކުގެ ތެރެއިން ރެއިން ފެށިގެން ފުވައްމުލަކަށް ފެން ގެންދިޔުމަށް އަޅަމުންދާ ފްލައިޓުތައް އެނބުރި މާލެ އަންނައިރު، ޕީއެންސީ ޖަލްސާއަށް މީހުން ގެންނަމުންދާ ކަމަށް އެނގިފައިވެ އެވެ. މިހާތަނަށް ހައެއްކަ ފްލައިޓުގައި މީހުން ގެނެސްފައިވާ ކަމަށްވެ އެވެ. އެގޮތުން އެނގިފައިވާ ގޮތުގައި މިހާތަނަށް ފުވައްމުލަކަށް ފެން ގެންދިއުމުގެ ނަމުގައި ފާއިތުވި 48 ގަޑިއިރެއްހާ އިރު ތެރޭގައި ފުވައްމުލަކުން މާލެއަށް 10 ވަރަކަށް ފްލައިޓް އަޅާފައިވެ އެވެ.

މި ދަތުރުތަކުގައި މާލެ އައި މީހުންގެ ތެރޭގައި ޕީއެންސީގެ ސަޕޯޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގައި ތިބި މީހުންނާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުން ހިމެނެ އެވެ.

ހަމަ މި ދަނޑިވަޅުގައި މޯލްޑިވިއަން އިން ވަނީ ޕީއެންސީ ޖަލްސާއަށް މީހުން ގެނައުމަށް އައްޑޫއަށް ވެސް ޗާޓަރު ދަތުރުތައް ފަށާފަ އެވެ. އައްޑޫއަށް މި ދަތުރުތައް ފަށާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގައި މިވަގުތު އޮތް އެންމެ ބޮޑު މަތިންދާ ބޯޓުންނެވެ.

ނަމަވެސް، އެނގިފައިވާގޮތުގައި މި ދަތުރުތަކުގެ ހަމައެކަނި ބޭނުމަކީ މާދަމާ ރޭގެ ޖަލްސާއަށް އައްޑޫއިން މީހުން ގެނައުމެވެ. ދެ ދަތުރުން 500 އަށް ވުރެ ގިނަ މީހުން އައްޑޫއިން މާލެ ގެންނަ ހަމަޖެހިފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.

ފެން ނުލިބުމާ ގުޅިގެން އިއްޔެ އާއި ރޭގައި ވެސް ފުވައްމުލަކުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގައި ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އެ ރަށަށް ސާފު ފެން ނުލިބުމަކީ ސަރުކާރުގެ ބޮޑު ފޭލިއާއެއް ކަމަށެވެ. އެ މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލި އެވެ.

ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުން ވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުންވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފުވައްމުލަކުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެސްއޯއީތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ މުވައްޒަފުން މާދަމާ ރޭގެ ޖަލްސާއަށް މާލެ ގެންނަމުންދާ ކަމަށް އެނގިފައިވެ އެވެ. އެ މީހުން ދަތުރުކުރާ މަންޒަރުތަކާއި މާލެ އައުމުން އެއާޕޯޓުންނާއި ބަނދަރުން މަރުހަބާ ކިޔާ މަންޒަރުތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ޕީއެންސީގެ މާދަމާ ރޭ ޖަލްސާ ބާއްވަނީ ރައީސް މުހައްމަދު މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރިކަން ފާހަގަ ކުރުމަށް ކަމަށް އެ ޕާޓީން ބުނެ އެވެ.