ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމަތާކާ ގުޅިގެން ގއ. އާއި ގދ. ގައި ހިންގި އޮޕަރޭޝަނެއްގައި 16 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރާއްޖެ އަށް ޑްރަގު އެތެރެކުރަން އުޅުނު ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ސައުތު ޕޮލިސް ގުޅިގެން މި މަހުގެ ދެއަކުން އިއްޔެގެ ނިޔަލަށް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި މިހާތަނަށް 16 މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެއީ ގއ. މާމެންދޫން ހައްޔަރުކުރި ހަތް ފިރިހެނަކާއި އަންހެނަކާއި ގދ. ވާދޫން ހައްޔަރުކުރި ފަސް ފިރިހެނަކާއި މާލެއިން ހައްޔަރުކުރި ތިން މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނި ގޮތުގައި، އެ އޮޕަރޭޝަނުގައި މިހާތަނަށް 18 ގެއަކާއި ގެސްޓް ހައުސްއަކާއި އޮފީހަކާއި ފަޅު ރަށެއްގެ އިތުރުން ދެ ހުސް ބިން ބަލައި ފާސްކޮށްފައިވެ އެވެ. އަދި ދެ ކާރާއި ފަސް ސައިކަލު ވެސް ބަލައި ފާސްކޮށްފައިވާ ކަމަށާއި މިހާތަނަށް 12 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތިން މީހެއްގެ ބަންދަށް 30 ދުވަސް އަދި ހަ މީހެއްގެ ބަންދަށް 15 ދުވަސް ދީފައިވެ އެވެ. އަދި އެކެއްގެ ބަންދަށް 18 ދުވަސް އަދި އިތުރު އެހެން މީހެއްގެ ބަންދަށް 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ އެންގެވުމަކަށް އިއްޔެ ރޭ ފަތިހު 5:30 ގައި މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި ހާއްސަ އޮޕަރޭޝަންގައި އިއްޔެގެ މެންދުރާ ހަމައަށް 97 މީހަކު ވަނީ ހައްޔަރުކުރި އެވެ. "އޮޕަރޭޝަން އަލިމަގު" ގައި ހައްޔަރުކުރި އެ އެންމެންނަކީ މަސްތުވާތަކެތި ވިއްކުމުގައި އުޅޭ ބައެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެ އެވެ.
ޖުމުލަ 12 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލާގައި 16 މީހަކު މި މަހުގެ ދެއަކުން އިއްޔެގެ ނިޔަލަށް ހައްޔަރުކުރި އޮޕަރޭޝަނަކީ ވެސް "އަލިމަގު" އިން އެއްކުރި މައުލޫމާތުގެ އަލީގައި ބަލައި ފާސްކުރި ތަންތަން ކަމަށް ފުލުހުން ބުނެ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެއްވަގުތެއްގައި 100 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރުމަށް އިއްޔެ ހިންގި އޮޕަރޭޝަނުގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވި އެވެ. އަދި އެއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ހަރަކާތް ކަމަށް ފުލުހުން ބުންޏެވެ.
ރޫޅުނު ކައިވެންޏާ ބެހޭގޮތުން ސޯފީ ބުނީ ކީކޭ؟
ސަލްމާން ނޫނެކޭ ބުނި ގިނަ ފިލްމުތައް ޝާހްރުކް ޚާންއަށް!
ކުރީގެ ޔޫތު މިނިސްޓަރު މަހުލޫފް ޕީއެންސީއަށް ސޮއިކޮށްފި