ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގދ. މަޑަވެއްޔަށް އެއްވެސް ކަމެއް އަދި މިހާތަނަށް ކޮށްދީފައި ނުވާ ކަމަށާއި އެހެންކަމުން މި ސަރުކާރަށް ސަނާކިޔާ އަތް ޖެހެން ނެތް ކަމަށް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ޝަމީޒް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގެ ބަޖެޓުގައި ވެސް، އަބަދު ވެސް ބަޖެޓުގެ ބަހުސްގައި އޭނާގެ ދާއިރާގެ ތިން ރަށުގެ ހާލަތު ބަޔާންކޮށްދޭ ކަމަށާއި އެހެން ނަމަވެސް އެއްވެސް މި ސަރުކާރުން ވެސް މަޑަވެއްޔަށް އެއްވެސް ވަރަކަށް އެއްވެސް ކަމެއް ކުރެވިފަ ނުވާކަން ފާހަގަކުރައްވާ ކަމަށެވެ.
ޝަމީޒު ވަނީ މި ބަޖެޓު ތެރެއިން މަޑަވެއްޔަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން ބިން ހިއްކި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގެދޮރު ދެވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވެފަ އެވެ.
ބަޖެޓުގައި އަކުރުތަކެއް ޖަހާފައި އޮތް ނަމަވެސް އެކަން ތަންފީޒު ނުކުރެވޭނަމަ ބަޖެޓު ވެގެންދަނީ ހަމައެކަނި ޖަހާލާ އަދަދުތަކަށް ކަމަށާއި މަޑަވެލީގެ ރައްޔިތުންގެ ގެދޮރުގެ ދަތިކަމުގެ ވާހަކަ އޭނާ ތަކުރާރުކޮށް ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމަށް ހައްލު ނުލިބޭ ކަމަށާއި އަސާސީ އެހެން ހިދުމަތްތައް ވެސް ނުލިބޭކަން ޝަމީޒް ފާހަގަކުރެއްވި އެވެ.
"3،000 މީހުންގެ އާބާދީއެއް މިއަދު އެއޮތީ ނަރުދަމާގެ އެއްވެސް ކަހަލަ ހިދުމަތެއް ނުލިބި. ދެން އަޅުގަނޑުމެން އަތްޖަހާފައި ހަމަ ގޮވަން ވީތޯ. އަޅުގަނޑުމެންނަކަށް ނެތް އަތް ޖެހޭ ކަށެއް،" އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ޝަމީޒް ވަނީ މަޑަވެލި ދާއިރާގައި ހިމެނޭ ރަށްރަށުގެ ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ނުދާ ސަބަބު އޮޅުން ނުފިލާ ކަމަށާއި އެކަންކަމާ ގުޅޭ ގޮތުން މަޖިލިސް މެންބަރުންނަށް އެކަށީގެންވާ ޖަވާބެއް ވެސް ނުލިބޭ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.
ޖުލައި 22، ގައި އޮތް މަޖިލިސް ޖަލްސާގައި ފެނާއި ނަރުދަމާގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާ ބެހޭ ގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުން ޝަމީޒް ވިދާޅުވީ ގދ. ނަޑެއްލާ އާއި މަޑަވެލީގެ ނަރުދަމާގެ މަސައްކަތްތައް ފެށިތާ އެތައް ދުވަހެއް ފާއިތުވެފައިވި ނަމަވެސް އަދިވެސް އެ މަސައްކަތްތައް ނިމޭނެ ދުވަހެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. އެ ކަމުގެ ޒިންމާ ނަގަން ޖެހެނީ ކޮން ސަރުކާރަކުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
އެ ދުވަހު އޭނާ ވިދާޅުވީ ދައުލަތުގެ ފައިސާ ހަރަދު ކުރަނީ ކޮން ކަމަށްތޯ މަޖިލީހުން ބަލަންޖެހޭ ކަމަށާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް އެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ކުރޭތޯ މަޖިލިސް މެންބަރުން ބަލައި އެ ވާހަކަ ދައްކަން ޖެހޭ ކަމަށް ވެސް ޝަމީޒް ވިދާޅުވި އެވެ.
މި ވާހަކަތަކަށް ފަހު ޝަމީޒް ވަނީ މި ފަހުން ސަރުކާރުން އެއް ދުވަސް ތެރޭ ދިން 206 މަޝްރޫއުގެ ތެރޭގައި އޭނާގެ ދާއިރާގެ ބައެއް ކަންކަން ހިމެނޭތީ އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މަޝްރޫއުތައް ހުއްޓޭގޮތަށް ކައުންސިލްތައް ނުހޮވާތި: ރައީސް
ފުވައްމުލަކު ފެނުގެ މައްސަލަ ހެލްތް މިނިސްޓްރީއަށް ހުށަހަޅައިފި
ސޮނީއިން "ލަބޫބޫ" ފިލްމެއް ގެނެސްދެނީ!