މިމަހުގެ 10 ވަނަ ދުވަހު އިމިގްރޭޝަނުން ތައާރަފްކުރި އޮންލައިންކޮށް ވިސާ ނެގޭ ނިޒާމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
އެ އިދާރާ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގައި ބިދޭސީއަކު ހުންނަން ވިސާ އޮތް ކަމަށް ބަލާނީ އީ- ވިސާ ޖެހުމުން ކަމަށެވެ. އެ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ޖަހާފައިވާ ވިސާ އެއީ ވިސާ އޮތުން ކަމަށް ނުބަލާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
އެހެންކަމުން ބިދޭސީންގެ މަސައްކަތު ވިސާއާއި އެހެނިހެން ވިސާ ޖެހުމަށް ދެން އެދެވޭނީ އިމިގްރޭޝަންގެ ވެބްސައިޓް މެދުވެރިކޮށެވެ.
ބިދޭސީންގެ މަސައްކަތު ވިސާ އާ ކުރުމަށް ނުވަތަ އާ ވިސާއެއް ހޯދަން ބޭނުންނަމަ އިމިގްރޭޝަންގެ ސައިޓަށް ވަނުމަށްފަހު "ޑްރޮޕް ޑައުން މެނޫ" އިން ވިސާ ނެގުމަށްފަހު "ވޯކް ވިސާ"އަށް ގޮސް އޮންލައިން އެކްސްޕަޓް ސިސްޓަމަށް ވަންނާށެވެ.
ދެން މަސައްކަތު ހުއްދަ ނަންބަރު ނުވަތަ ބިދޭސީއެއްގެ ޕާސްޕޯޓު ނަންބަރު ޖަހައި އެ މީހާގެ މައުލޫމާތު ހޯދުމަށްފަހު "ވިސާ" ޓެބަށް ގޮސް މަސައްކަތު ވިސާ އާ ކުރުމަށް އޮންނަ ތަނަށް ފިތާލާށެވެ. އެއަށްފަހު މުހިންމު ލިޔެކިއުންތައް ހިމަނައި ވިސާއަށް އެދި ހުށަހަޅާށެވެ.
އިމިގްރޭޝަންގެ ވެބްސައިޓުގައިވާ ގޮތުން، ބިދޭސީ މަސައްކަތްތެރިންނާ ހަވާލުވެ ތިބޭ ކުންފުނިތަކުން އެ މީހުން ރާއްޖެ އަންނަތާ 15 ދުވަހުގެ ތެރޭ ވިސާ ހޯދަން ޖެހޭނެ އެވެ.
ވިސާ ހޯދަން ޖެހޭނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ދޫކޮށްފައިވާ މަސައްކަތުގެ ހުއްދައާ އެއްގޮތަށްކަން ފާހަގަކޮށް، ހުއްދަ ވިސާއެއް ނުލާ ބިދޭސީ މަސައްކަތްތެރިންނަށް ރާއްޖޭން ނުފުރޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބަޔާންކޮށްފައިވެ އެވެ.
މަސައްކަތު ވިސާނޫން ވިސާއަކަށް އެދޭނަމަ، އިމިގްރޭޝަންގެ "އިމުގަ" ޕޯޓަލް މެދުވެރިކޮށް އެދެވޭނެއެވެ.
އިމިގްރޭޝަނުން ފާހަގަކުރިގޮތުގައި ދިގު މުއްދަތަކަށް ވިސާ ދޫކުރަނީ ރާއްޖޭގައި ވަޒަންވެރިވެ ތިބޭ ބިދޭސީންނަށެވެ.
ޕާސްޕޯޓު ހައްދަން ސީދާ އިމިގްރޭޝަންގެ ކައުންޓަރަށް ދިއުން ނިމުމަކަށް ގެނެސްދޭ ޚާއްސަ މޮބައިލް އެޕާއި އީވިސާގެ ޚިދުމަތް އިމިގްރޭޝަނުން ތައާރަފްކުރީ މިމަހުގެ 10ވަނަ ދުވަހެވެ. މި ޚިދުމަތް ތައާރަފްކުރީ "މޯލްޑިވްސް 2.0"ގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުންނެވެ.
"މޯލްޑިވްސް 2.0"ގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތަކެއް ޑިޖިޓަލް ކޮށްފައިވާއިރު، މި ތަސައްވުރުގެ ދަށުން ސަރުކާރުގެ އެހެން އިދާރާތަކުން ވެސް އަންނަނީ ޚިދުމަތްތައް ޑިޖިޓަލްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އީ- ވިސާގެ ނިޒާމަށް މިއަދުން ފެށިގެން ބަދަލުކުރިއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިިދޭސީންގެ މައްސަލަތައް ހައްލު ކުރުމުގައި، ތައާރަފްކުރި އޮންލައިން ހިދުމަތްތަކުގެ ސަބަބުން ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
ބިދޭސީންގެ ޕާސްޕޯޓްގައި ވިސާޖަހަން ޒަމާނުއްސުރެ ކުރިމަތިވެފައި އޮތް ދަތިތަކަށް، މިއަދު ތައާރަފްކުރި އީ- ވިސާ އިން ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.
ސަރުކާރުން ފަށަން އުޅޭ ޓެކްސީ ލައިން ހުއްޓާލުމަށް ގޮވާލައިފި
ދަރްމެންދްރާ މަރުވެއްޖެ
ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ހާއްސަ ފައިނޭންސިންއެއް