ކ. ކުޑަވިލިނގިލި ރިސޯޓު ކައިރީގައި އޮތް ދޯންޏެއްގައި މިރޭ ރޯވެ، އެކަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ރިސޯޓު ކައިރީގައި އޮތް ދޯނީގައި ރޯވިއިރު ހަތަރު މީހުން ތިބި ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 3:23ގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ހާދިސާ ހިނގުމާ ގުޅިގެން އަލިފާން ނިއްވާލުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއުއިން ކުރަމުން އަންނަ ކަމަށް ސިފައިން ބުންޏެވެ.

އެ ދޯނި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައީ ކޮން ބޭނުމެއްގައި ކަމެއް އެމްއެންޑީއެފް އިން ނުބުނެ އެވެ.

ކުޑަވިލިނގިލި ކައިރީގައި އޮތްވައި ރޯވި ދޯނީގެ އަލިފާންގަނޑު ނިއްވާލަން ފަޔާ އެންޑް ރެސްކިއު އިން މިރޭ ހަރަކާތްތެރިވަނީ. ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި ފިހުނީ ދިވެއްސެއް ކަމަށެވެ. އަދި އޭނާއަށް ފަރުވާދޭން ލޯންޗެއްގައި މިހާރު ތުލުސްދުއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ދޯނީގައި ރޯވި އަލިފާނގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށް ވެސް ސިފައިން ބުންޏެވެ.

"އަލިފާން ރޯވި ދޯނި މިހާރު އޮތީ ދެފެން ދޭތެރޭގައި،" އެމްއެންޑީއެފް އިން ބުންޏެވެ.

އެޑިޓަރުގެ ނޯޓް: މި ހާދިސާގެ މައުލޫމާތު ފުރަތަމަ މީޑިއާއަށް ދިންއިރު އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި ރޯވީ ލޯންޗެއްގައި ކަމަށެވެ. ނަމަވެސް ފަހުން ބުނީ އެއީ ދޯންޏެއް ކަމަށެވެ. އެހެންވެ ހަބަރުގައި ލޯންޗް ކަމަށް ލިޔެފައިވާ ތަންތަން ވާނީ ބަދަލުކޮށްފަ އެވެ.