ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާތަކަށް ކަރަންޓު ނުދީ ޖެއްސުންކުރުމަކީ ކަރަންޓު ކުންފުނި ސްޓެލްކޯއިން އަލަށް ކުރާ ކަމެއް ނޫން ކަމަށާއި ކަރަންޓާއި ނުލައި ވެސް ޖަލްސާ ބޭއްވުމުގެ ހިތްވަރު ރައީސް އަބްދުﷲ ޔާމީންގެ ހުންނާނެ ކަމަށް އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްއިން މިހާތަނަށް ބާއްވާނެ އެންމެ ބޮޑު އެއް ޖަލްސާ "ރީސެޓް" ބޭއްވުމަށް ހަމަޖެހިފައިވާ ތަނަށް ކަަރަންޓު ދޭން ސްޓެލްކޯ އިން ދެކޮޅު ހަދަމުން އަންނަ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެ ޕާޓީން ރީސެޓް ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ މިރޭ އާޓިފިޝަލް ބީޗުގަ އެވެ.

ނަމަވެސް ސްޓެލްކޯ އިން ވަނީ އެ ޖަލްސާ ބާއްވާ ސަރަހައްދަށް ކަރަންޓު ދޭން ދެކޮޅު ހަދައި އެ ސަރަހައްދުގައި ހުރި ކޭބަލްތައް ވެސް ނަގާފައި ކަމަށް ޕީއެންއެފް އިން ބުނެ އެވެ.

މިއީ ސީދާ ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމުގެ ދަށުން ޖެއްސުން ކުރުމަށް ސަރުކާރުން ކުރާ ކަމެއްކަން ފާހަގަކުރައްވައި މަލީހު ވިދާޅުވީ ކަރަންޓަކީ މިއީ އަސާސީ ހައްގެއް ކަމަށާއި ޕީއެންއެފުގެ ފަރާތުން ބާއްވާ މި އިވެންޓަށް ކަރަންޓު ނުދިނުމުގެ ނިޔަތުގައި ނޫނީ ޖެއްސުން ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށާއި މިއީ ސްޓެލްކޯއިން އަލަށް ކުރާ ކަމެއް ނޫން ކަމަށެވެ.

މަލީހު ވިދާޅުވީ ސްޓެލްކޯއިން ކަރަންޓު ނުދީ ޖެއްސުން ކުރިޔަސް ކަރަންޓާއި ނުލައި ވެސް ޖަލްސާ ބާއްވާނެހާ ހިތްވަރު ރައީސް ޔާމީންގެ ހުންނާނެ ކަމަށެވެ.

ޕީއެންއެފް އުފެއްދެވުމުގައި ވެސް އިސްކޮށް އުޅުއްވި މަލީހު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުން ވަނީ އެ ފަދަ ދަށު ދަރަޖައިގެ ކަންކަން ނުކުރުމަށް ރައީސް މުއިއްޒަށް ގޮވާލައްވާފަ އެވެ.

އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ ރާޢްޖޭގެ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުންކަން ފާހަގަކުރައްވައި، މަލީހު ވަނީ ސްޓެލްކޯއާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފަ އެވެ.