ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދިން ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އޭނާ ވަނީ އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް އެކި ލިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އާންމުކޮށް، ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީފަ އެވެ.

ވ. ދެލްވައްތަ، ހޫދަކީ އައިއެސްގެ އިސް އޮޕަރޭޓިވެއް ކަމަށް ފުލުހުން ބުނެ އެވެ. އޭނާ ހައްޔަރުކުރީ އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖެނުއަރީ، 2022 ގައި މާލެއިންނެވެ.

އެ މައްސަލާގައި ހޫދުގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ފަސް ދައުވާއެއް ދައުލަތުން ކުރި އެވެ.

އޭގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށްލާން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު ޕްރޮމޯޓްކުރުމަށް އެމްއޭސީއެލް އިން ބޮޑު މަގާމެއް ދީފައިވާ މަރިޔަމް ޝިއުނާގެ ލޯބިވެރިޔާ އަކީ ހޫދު ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.