ރާއްޖެއަށް ޑޮކްޓަރީ ބޭސް އެތެރެކުރާ މައި ކުންފުނި އެސްޓީއޯ އިން އެކަނި ވެސް 800 އާއި 900 އާ ދެމެދުގެ ބޭސް އެތެރެކުރެވޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖެއިން ޑޮކްޓަރީ ބޭސް ނުލިބޭ މައްސަލަ ބޮޑުކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ލުއިތަކާއި ކުރިއެރުން ލިބެމުން އަންނަކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ ބޭހުގެ މައްސަލަ ހައްލު ވާއިރު، ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓު ވެސް އިތުރުކޮށް، ބޭނުންވާ ޒަރޫރީ ބޭހުގެ ލިސްޓު ވެސް ފުޅާވާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ މިހާރުވެސް މައްސަލައިގެ ބޮޑުބައި ހައްލުވެފައިވާ ކަމަށާއި ނަމަވެސް ބޭނުންވަނީ އެއްވެސް މީހަކު ޝަކުވާނުކޮށް އުޅެވޭނެ މިންވަރަށް 100 ޕަސެންޓަށް އެކަން ހައްލު ކުރަން ކަމަށެވެ. އެހެން ނަމަވެސް އެ މިންވަރަށް މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހިދުމަތްތައް ފުޅާވަމުންދާ ވަރަކަށް އެޕްރޫވް ޑްރަގް ލިސްޓު ވެސް ފުޅާވެގެން ދާނެކަމަށާއި އޭގެ ސަބަބުން އެސެސްޝަލް މެޑިސިން ލިސްޓު ވެސް ފުޅާވެގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް ބޭހުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަމަށާއި ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް ވެސް ވަރަށް ގާތުން ބަލާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ކުރިން ބޭސް އެތެރެކުރި މިންވަރާ އަޅާ ބަލާއިރު މިހާރު ވަރަށް ބޮޑުތަނުން އިތުރު ކޮށްފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެގޮތުން މައި ސަޕްލަޔަރު، އެސްޓީއޯގެ އެތައް އެތަައް ޕަސެންޓޭޖެއް އިތުރު ކުރެވިއްޖެ ކަމަށާއި ރާއްޖެ އަށް އެތެރެ ކުރާ ބޭހުގެ. ކުރިން އެތެރެކުރަމުންދިޔަ ނިސްބަތާ އަޅާ ބަލައިފައި، ކުރިން ގާތްގަނޑަކަށް 200 އެއްހާ ބޭސް އެތެރެ ކުރަމުންދާ ނަމަ މިހާރު 800 އާއި 900 އާ ދެމެދުގެ ބޭސް އެސްޓީއޯ އިން އެކަނި އެބަ އެތެރެކުރެވޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން އުސޫލުތައް ހަރުދަނާކޮށް ޓްރީޓްމަންޓުގެ ގައިޑްލައިންތައް ހަރުދަނާ ކޮށްފައިވާ ކަމަށާއި މިދިޔަ އަހަރު މުޅިން އަލަށް 40 ޓްރީޓްމަންޓުގެ ގައިޑްލައިން އެކުލަވާލާފާއިވާކަމަށް އޭނާ ވިދާޅުވި އެވެ.