ނިދާއިރު ކޮޓަރީގެ އަލި މާ ގަދަކޮށް ބަހައްޓާނަމަ ހާޓް އެޓޭކްއާއި ސްޓްރޯކް ފަދަ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.

ޖުމްލަ 8000 އެއްހާ މީހުން ބައިވެރި ކޮށްގެން ކުރެވުނު އެ ދިރާސާއިން ހާމަވި ގޮތުގައި ނިދާ މާހައުލުގެ އަލި ގަދަކޮށް ބަހައްޓާ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

އެގޮތުން އުމުރާއި ޖިސްމާނީ ސިއްހަތަށް ބެލުމަށްފަހު ވެސް އެފަދަ މީހުންނަށް ހާޓްއެޓޭކްއާއި ސްޓްރޯކް ޖެހުން ގިނަކަން ފާހަގަވެފައިވެ އެވެ. އެއާއެކު އެފަދަ މީހުންގެ ހިތުގެ ވިންދު ވެސް އަވަސްކަން ދެނެގަނެވިފައިވެ އެވެ.

މާހިރުން ވިދާޅުވާ ގޮތުގައި މިކަން މިހެން ދިމާވަނީ އާޓިފިޝަލް އަލިން ދޫކުރާ ބްލޫ ލައިޓްގެ ސަބަބުން ހަށިގަނޑުގެ "ގުދުރަތީ ގަޑި"އަށް ބުރޫ އަރާތީ އެވެ.

އެގޮތުން ނިދާއިރު ހޮޅިބުރި ނުވަތަ ބޮކިތަކުންނާއި އިލެކްޓްރޯނިކް ޑިވައިސްތަކުގެ ސްކްރީން އަލިން ހަށިގަނޑުގެ ކޯޓިސޯލް ލެވެލް އިތުރު ކުރުވާ ކަމަށާއި އޭގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެ އިންފްލެމޭޝަންއަށް މަގުފަހިވާ ކަމަށް މާހިރުން ވިދާޅުވެ އެވެ.

އެހެން ކަމުން ނިދާ ގަޑީގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ނުކޮށް ކޮޓަރީގެ އަލި ވީހާ ވެސް ފަނޑުކޮށް ބެހެއްޓުމަށް ސައިންސްވެރިން ލަފާދެއްވަ އެވެ.