ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ބ. ތުޅާދޫ އާއި ތ. ވިލުފުށީގެ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެއީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކެކެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ އެ 100 ހައުސިން ޔުނިޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.

އެ ހައުސިން ޔުނިޓްތައް ދޫކުރާނީ އެކަމާ ގުޅޭގޮތުން މީގެކުރިން އެ މިނިސްޓްރީން އާންމުކުރި އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

މިނިސްޓްރީން އާންމުކުރި އުސޫލުގައިވާ ގޮތުން، އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލެވޭނީ އެ ރަށުގެ ރަށްވެހިންނަށާއި އެ ރަށަށް ހިޖުރަކޮށް، މެދުކެނޑުމެއް ނެތި 10 އަހަރު އުޅެފައިވާ މީހުންނަށެވެ.

ތުޅާދޫ ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން ކުރަމުން ދަނިކޮށް، ގަދަބާރުން ހައުސިން މިނިސްޓްރީން ވަނީ އެކަން ހުއްޓުވައި މިނިސްޓްރީގެ ކޮންޓްރޯލްގެ ދަށަށް އެކަން ގެނެސްފަ އެވެ. ތުޅާދޫ ކައުންސިލް މެންބަރު އިސްމާއީލް ދާއޫދު ވިދާޅުވީ އެއީ ކައުންސިލް އިންތިހާބަށް ނުފޫޒުފޯރުވުމުގެ ގޮތުން ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.

ވިލުފުށީ ހައުސިން ޔުނިޓްތައް ދޫކުރުން ހައުސިން މިނިސްޓްރީއާ ހަވާލުކުރީ އެރަށު ކައުންސިލުންނެވެ. ސަބަބެއް ކަމަށް ކައުންސިލުން ބުނީ އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ބޭނުންވާ ކައުންސިލަރުންނާއި މުވައްޒަފުން އެބަތިބި ކަމަށެވެ. އެހެންވެ، އެކަމަކީ މަސްލަހަތު ފުށުއަރާ ކަމަކަށްވާތީ އެންމެ ރަނގަޅުގޮތަކީ މިނިސްޓްރީން އެކަންކުރުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.