ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲގެ ކޮއްކޮ، އަބްދުލްކަރީމް އަބްދުﷲ ލ. ފޮނަދޫގެ ކައުންސިލް ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނުކުންނަވައިފި އެވެ.
އެ ގޮނޑިއަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ، މިދިޔަ ތިން ދައުރުގައި ކައުންސިލް ރައީސްކަން ކުރެއްވި އަހުމަދު ރިޔާޒެވެ. ރިޔާޒަކީ އަބްދުއްރަހީމްގެ އަނބިކނަބަލުންގެ ކޮއްކޯފުޅު، ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ޒުހުރުބާންގެ ފިރިކަލުންނެވެ.
ކަރީމް ވިދާޅުވި ގޮތުގައި އޭނާ އަމިއްލަ ގޮތުން ފޮނަދޫ ކައުންސިލް ރައީސް ކަމަށް ކުރިމަތިލީ ލޮލަށް ފެނުން މަހުރޫމުވެފައިވާ މީހުންނަށް އެކަން ކުރެވޭތޯ ސިޓީއަކުން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ދެންނެވުމަށް ފަހު އެކަމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތްކަމަށް އެ ފަރާތުން ބުނުމުން ކަމަށެވެ.
ކަރީމް ވިދާޅުވީ އޭނާ މިކަމަށް ޝައުގުވެރިވެ ކުރިމަތިލާން ނިންމީ އޭނާ އަކީ ކުޑައިރުއްސުރެ، ގިނަ ބައެއްގެ އިހުތިރާމާއި ލޯބި ލިބިފައިވާ އަދި ލިބެމުންދާ ފަރާތަކަށް ވުމުން އެކަމުން ހިތްވަރު ލިބިގެން ކަމަށެވެ.
އިތުރަށް ކަރީމް ވިދާޅުވީ، ކައުންސިލް ރައީސްކަމަށް ވާދަކުރުމަށް ހުށަހެޅުއްވި ކެންޑިޑެންސީ ބަލައިގެންފައިވާ ކަމަށާއި އެ ކަމުގެ ލިޔުން ވެސް ފޮނުވާފައިވާ ކަމަށެވެ. މިހާރު އޭނާ ވަނީ، ރަސްމީކޮށް ކެމްޕެއިންގެ ހަރަކާތްތައް ފައްޓަވަފާ އެވެ.
މިހާރު އޭނާ އަދާކުރައްވަނީ، ފޮނަދޫ މެދު އަވަށު އެންމެ ބޮޑު މިސްކިތުގެ އިމާމެއްގެ ވަޒީފާއެވެ. އެ މަގާމު އޭނާ އަދާކުރައްވާތާ 19 އަހަރު ވެއްޖެއެވެ.
އޭނާ ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ވާދަކުރައްވާތީ، މަގާމުން ސަސްޕެންޑުވާނެ ކަމަށާއި އެކަން ސިވިލް ސާވިސް ކޮމިޝަނަށް ސިޓީއަކުން އަންގާފައިވާނެ ކަމަށެވެ.
ފޮނަދޫ އަކީ ޒަމާނުއްސުރެ، އިދިކޮޅު އެމްޑީޕީ އާއި ދެކޮޅު ރަށެކެވެ. އެ ރަށުގައި އެމްޑީޕީއަށް މާބޮޑު ތާއީދެއް ނޯވެ އެވެ. އިންތިހާބުތަކުގައި ވެސް އެ ރަށުން އަބަދު ވެސް އަޣްލަބިއްޔަތު ނަގަނީ އެމްޑީޕީ އާއި އިދިކޮޅު ކެނޑިޑޭޓުންނެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް މަޖިލީހުގެ ގޮނޑި ފުރުއްވާ ދާއިރާއިން އެމަނިކުފާނުގެ ކޮއްކޮ ޕީއެންސީއާ ދެކޮޅަށް އިންތިހާބަކަށް ނުކުންނަވާ ސީދާ ސަބަބެއް ނޭނގެއެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އަބްދުއްރަހީމުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާއެކުގައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނުން ފެށިގެން ގޮސް ސަރުކާރު އެކުލަވާލެއްވުމާއި މަޖިލިސް އިންތިޚާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރެއްވުމާ ހަމައަށް ވެސް ދެ ބޭފުޅުންގެ ގުޅުން ވަރަށް ރަނގަޅެވެ.
އޭގެ އެއް ހެއްކަކީ ކެބިނެޓުގެ އެންމެ ނުފޫޒު ގަދަ އެއް މަގާމު ކަމަށްވާ ޓޫރިޒަމް މިނިސްޓަރުކަން އަބްދުއްރަހީމްގެ ދަރިފުޅު އިބްރާހީމް ފައިސަލަށް ދެއްވުމާއި މަޖިލިސް ރައީސްކަން އަބްދުއްރަހީމަށް ރައީސް މުއިއްޒު ދެއްވުމެވެ.
ނަމަވެސް ވަކި ހިސާބަކުން ރައީސާއި އަބްދުއްރަހީމުގެ ގުޅުން ހީނަރުވިކަމުގެ އަޑުތައް ގަދަވިއެވެ. ދެން ފެނުނީ ޓޫރިޒަމް މިނިސްޓަރުކަމުން ކުއްލި ގޮތަކަށް ފައިސަލް ވަކި ކުރެއްވި މަންޒަރެވެ. އަދި އަބްދުއްރަހީމް ވަރަށް ބޮޑަށް ސިޔާސީ ގޮތުން ހިމޭންވެވަޑައިގެންނެވި މަންޒަރު ފެނުނެވެ.
ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި އަބްދުއްރަހީމް ހުންނެވި ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކަންކަމުގައި އެ ޕާޓީއިން މިފަހަރު އިސްކޮށްފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ. ކުރިން އެފަދަ ކެމްޕެއިންތައް ލީޑް ކުރައްވަމުން ގެންދެވީ އަބްދުއްރަހީމެވެ.
ބިދޭސީ މީހާ މަރުވި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމުން އިނާޒު އިސްތިއުފާދެއްވައިފި