އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މެދު ކުޅުންތެރިން ހިތްހަމަ ނުޖެހުނަސް މިއަހަރު އޮންނަ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ބޮއިކޮޓް ނުކުރާނެ ކަމަށް ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.
ޓްރަމްޕްއާ މެދު ބޮޑެތި ހިތްހަމަ ނުޖެހުންތަކެއް ފާޅުކޮށް މިއަހަރު އެމެރިކާ ވެސް ހިމެނޭހެން މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕް މުބާރާތް ބޮއިކޮޓް ކުރުމަށް ޖަރުމަގުގެ ބައެއް ފުޓުބޯޅަ ކުޅުންތެރިންނާއި އެ ގައުމުގެ އެހެން އިސް ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ. އަދި ބައެއް ކުޅުންތެރިން ވަނީ އެމީހުންގެ ހިންތަހަ ނުޖެހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ވެސް އެކަން ހިއްސާކޮށްފަ އެވެ.
މިކަމާ ގުޅިގެން ޖަރުމަނުގެ ފުޓުބޯޅަ ފެޑެރޭޝަން (ޑީއެފްބީ) އިން ނެރުނު ބަޔާނެއްގައި ބުނީ މެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ބޮއިކޮޓް ކުރުމަށް ޖަރުމަނުގެ ބައެއް ކުޅުންތެރިންނާއި ބައެއް ފަރާތްތަކުން ގޮވާލަމުންދިޔަ ނަމަވެސް، އެ މުބާރާތް ބޮއިކޮޓް ނުކުރާނެ ކަމަށެވެ.
ބަޔާނުގައި ބުނީ ކުޅިވަރަކީ އެކުވެރިކަން އާލާކޮށްދޭ ބާރެއް ކަމަށާއި، ފީފާ ވޯލްޑް ކަޕަކީ މުޅި ދުނިޔެއަށް އޭގެ ނުފޫޒު ފޯރުވާ މުބާރާތެއް ކަމަށް އެ ފެޑެރޭޝަނުން ގަބޫލުކުރާ ކަމަށެވެ. "އަހަރެމެންގެ އަމާޒަކީ މި ހެޔޮ ބާރު ވަރުގަދަކުރުން - އެކަމަށް ހުރަސްއެޅުމެއް ނޫން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ބޮއިކޮޓް ކުރުމުގެ ވިސްނުން ފުރަތަމަ ހުށަހެޅީ ޑީއެފްބީގެ ނައިބު ރައީސް އަދި ބުންޑެސްލީގާގެ ސެއިންޓް ޕައުލީގެ ރައީސް އޯކޭ ގޮޓްލިޗްއެވެ. އޭނާ ވަނީ ޓްރަމްޕްގެ އަމަލުތަކާއި ބަޔާންތަކަށް ރިއާޔަތްކޮށް، މުބާރާތް ބޮއިކޮޓް ކުރުމާ މެދު ސީރިއަސްކޮށް ވިސްނަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، ޑީއެފްބީ އިން ވަނީ ގޮޓްލިޗްގެ މި ހުށަހެޅުމަށް ރައްދުދީ، ކުޅިވަރުގެ ސިޔާސަތުތަކާ ގުޅޭ ބަހުސްތައް ކުރިއަށް ގެންދަންވާނީ ފެޑެރޭޝަނުގެ އެތެރޭގައި ކަމަށާއި، އާންމުކޮށް އެފަދަ ވާހަކަތައް ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބުނެފައެވެ. އަދި މިވަގުތު ބޮއިކޮޓް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ، ސަލާމަތީ އަދި ވިޔަފާރީގެ ދާއިރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ފެޑެރޭޝަނުން ބުނެފައިވެ އެވެ.
ޓްރަމްޕްގެ ސަރުކާރުން ގްރީންލޭންޑް ގަތުމަށް ކުރި މަސައްކަތާއި، ޔޫރަޕްގެ ގައުމުތަކަށް ޓެރިފްގެ އިންޒާރު ދިނުމުގެ ސަބަބުން ޔޫރަޕާއި އެމެރިކާއާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ. މީގެ އިތުރުން، ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވެސް ވަނީ ސަޕޯޓަރުން މި މުބާރާތަށް ނުދިއުމަށް އިރުޝާދު ދެއްވާފައެވެ. ނަމަވެސް، ބްލެޓާގެ ރައީސްކަމުގައި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ބޮއިކޮޓް ކުރަން ގޮވާލި ގޮވާލުންތަކަށް އޭނާ އޭރު ވަނީ ދެކޮޅު ހައްދަވާފަ އެވެ.
ޖަރުމަނު ފެޑެރޭޝަނުން ބުނިގޮތުގައި، އަންނަ އަހަރުގެ ހޫނު މޫސުމުގައި ބާއްވާ މި މުބާރާތުގައި އެ ގައުމުގެ ޓީމު ވާދަކުރާނެއެވެ. އަދި 2024 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތެކޭ އެއްފަދައިން، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ސަޕޯޓަރުންނާ އެކު އަމާންކަމާއި އުފާވެރިކަމާއެކު ފުޓްބޯޅައިގެ އީދެއް ފާހަގަކުރުމަކީ އެ ފެޑެރޭޝަނުގެ އުންމީދެވެ.
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަވަހާރަކޮށްލައިފި
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ