ދެހާސް ސަތާރަ ވަނަ އަހަރު އަނިޔާވެރިކޮށް މަރާލާފައިވާ، ރ. މީދޫ، ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިން މިއަދު ވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ ހެކިންގެ ހެކިބަސް ނުނަގާ ގޮތަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އަނަސް ލިޓަސް ގަރާޖުގެ ތެރޭގައި ހުއްޓާ ހަތް މީހަކާއި ކުޑަ ކުއްޖަކު އޭނާއަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީފަ އެެވެ. އަނަސްއަށް ފަރުވާ ދިނުމަށް ހޮސްޕިޓަަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފަ އެވެ.

އެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން މ. ލޮނުމިދިލިގޭ، އަފްރާހު އަބްދުއް ރައްޒާގްގެ މައްޗަށެވެ.

މީގެ ކުރީގެ ޝަރީއަތްތަކުގައި ދައުލަތުން ހުށަހެޅި ސިއްރު ނޫން ހަތަރު ހެކިންގެ ހެކިބަސް ވަނީ ނަގާފަ އެވެ. އެ ފަހުން ސިއްރު ހެކިންގެ ގޮތުގައި ހުށަހެޅި ނުވަ ހެކިންގެ ތެރެއިން އެކަކަށް ބިރުދައްކާ ނުފޫޒު ފޯރުވައިފައިވާ ކަމަށް ޝަރީއަތުގައި ދައުލަތުން ފާހަގަކޮށްފައިވެ އެވެ.

އެ ސިިއްރު ހެކިވެރިންނަށް ވެސް ވަނީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހަމަލާދީފަ އެވެ. އެހެންކަމުން ދެން ތިބި ސިއްރު ހެކިވެރިން ވަނީ ކޯޓަށް ހާޒިރުވާން އިންކާރުކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. ކޯޓުން ޗިޓު ފޮނުވައިގެން ވެސް އެމީހުން ކޯޓަށް ހާޒިރު ކުރެވިފައި ނުވާތީ ދައުލަތުން އެދުނީ މައްސަލައިގެ ތަހުގީގު މަރުހަލާގައި އެމީހުން ދިން ބަޔާނުގެ މައްޗަށް ރިއާޔަތްކޮށް މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

ދައުލަތުގެ އެހެން ބުނުމުން ދައުވާ އުފުލާފައިވާ މީހުންގެ ދިފާއި ވަކީލުން ކަމަށްވާ ހަސަން މަހުފޫޒާއި، ޖުނައިހު އަބްދުﷲ އަދި އަފްރާހް އަބްދުއްރައްޒާގުގެ ދިފާއީ ވަލީކް އާދަމް އާސިފް ވިދާޅުވީ ތަހުގީގީ މަރުހަލާގައި ހެކިން ދޭ ބަޔާނަކީ ދިފާއުއަށް ފެންނާނެ އެއްޗަކަށް ނުވާތީ ހެކިވެރިންނާ ސުވާލު ކުރުމުގެ ހައްގު ގެއްލިގެން ދާނެ ކަމަށެވެ. އެހެންކަމުން ބަޔާނެއްގެ މައްޗަށް މައްސަލަ ކުރިއަށް ގެންދިއުމަށް ދިފާއީ ވަކީލުން ވަނީ ދެކޮޅު ހަދައިފަ އެވެ.

އަހްމަދު ޒަޔާން އަދި އުސްމާން ރަޝީދުގެ ދިފާއީ ވަކީލް މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވީ ތަހުގީގު މަރުހަލާގައި ދޭ ބަޔާންތަކަށް ރިއާޔަތްކޮށް މިހާތަނަށް އެއްވެސް މައްސަލައެއް ނިންމާފައި ނުވާ ކަމަށެވެ. އެހެންކަމުން ސިއްރު ހެކިންގެ ގޮތުގައި ތިބި މީހުންނަކީ ނެތް ހެކިންގެ ގޮތުގައި ކަނޑައަޅައިދެއްވުމަށް އޭނާ ވަނީ ޝަރީއަތުގައި އެދިވަޑައިގެންފަ އެވެ.

ދިފާއީ ވަކީލުންގެ ވާހަކަތަކާ ދައުލަތުގެ ވަކީލުން ވެސް ވަނީ އެއްބަސްވެފަ އެވެ.

މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ދެ ފަރާތުގެ ވާހަކަތަކަށް ބެއްލެއްވުމަށްފަހު ވިދާޅުވީ އަނަސްގެ މަރުގެ މައްސަލަ ކުރިއަށް ގެންދާއިރު ތަހުގީގަށް ދީފައިވާ ބަޔާންތަކަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ.

ޝަރީއަތުގައި ދެން ކުރިއަށް ދިޔައީ މައްސަލާގައި ދައުވާ ލިބޭ ހަތް މީހުންގެ ބަންދު މުރާޖައާ ކުރުމެވެ. އެ މީހުން މުޖުތަމައަށް ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާވެދާނެ ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބަލައި ގާޒީ ނިންމެވީ އެމީހުންގެ ބަންދުގެ މުއްދަތު ދެމެހެއްޓުމަށެވެ.

މައްސަލައިގައި ދެން އޮންނާނީ ދިފާއީ ހެކިން ހުށަހެޅުމެވެ. ދިފާއީ ހެކިންގެ މައުލޫމާތު ކޯޓާ ހިއްސާކުރުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.