ކޮވިޑް-19 ޖެހިގެން މިއަދު އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު މަރުވީ އުމުރުން 85 އަހަރުގެ އަންހެނެކެވެ. އެ މީހާ މަރުވީ ހާލު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއާ އެކު، ރާއްޖެ އިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 72 އަށް ވަނީ އަރައިފަ އެވެ. ކޮވިޑް ބަލީގައި މިއަދު މީހަކު މަރުވިއިރު، އެ ބައްޔަށް ކޮންމެ މިހާރު ދުވަހަކު ވެސް 200 އަށް ވުރެ ގިނަ މީހުން ރާއްޖެއިން އަންނަނީ ޕޮޒިޓިވްވަމުންނެވެ.

ކޮވިޑް ޖެހިގެން މިވަގުތު ވެސް 4،000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން އެބަ ދެ އެވެ. އޭގެ ތެެރެއިން 119 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 28،588 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 24،499 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.