ރާއްޖޭގައި މިވަގުތު ކޮވިޑް ވެކްސިންގެ ސްޓޮކް ހުރި މިންވަރު ހާމަކުރަން ހެލްތު މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ.

އިންޑިއާގައި ހަލުވި މިނެއްގައި ކޮވިޑު ފެތުރެމުން ދާތީ، އެ ގައުމުގައި އުފައްދާ ކޮވިޝީލްޑްގެ ދެވަނަ ޑޯސް ޖަހަން ބޭނުންވާ އެންމެންނަށް ޖެހޭ މިންވަރަށް އެ ވެކްސިން ލިބެން ނެތް ކަމަށްވެ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި މިވަގުތު ވެކްސިން ހުރި އަދަދާ ގުޅޭ ގޮތުން ނޫސްވެރިން ވަނީ ތަކުރާރުކޮށް ސުވާލުކޮށްފަ އެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވަނީ އެ ސުވާލު ޖަވާބު ދިނުމަށް ދެކޮޅު ހަދައި މުޅިން އެހެން ވާހަކައެއް ވިދާޅުވެފަ އެވެ.

ޑރ. ޝާހު ވިދާޅުވީ ވެކްސިން ހުރި އަދަދަށް ވުރެ މިހާރު މުހިއްމީ ބޭނުންވާ ވަގުތު ބޭނުންވާ މިންވަރަށް ވެކްސިން ހުރުން ކަމަށެވެ.

ވެކްސިން ހުރި މިންވަރު އެޗްއީއޯސީން ހާމަނުކުރިއިރު ރާއްޖެއިން ވެކްސިން ގަތުމަށް ދެ އެއްބަސްވުމެއް ވަނީ ދެ ކުންފުންޏަކާ ހަދާފަ އެވެ.

އެއީ އިންޑިއާގެ ސީރަމް އިންސްޓިޓުޓުން 300،000 ޑޯސް ކޮވިޝީލްޑް ވެކްސިނާއި، ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން 700،000 ވެކްސިނެވެ. ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ލިބުނީ ގަނެގެން ގެނައި 100،000 ޑޯޒުގެ ވެކްސިނާއި ހިލޭ ދިން 200،000 ޑޯޒެވެ.