އީރާނުގެ އެންމެ މަތީ ލީޑަތު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް ބުނާ ވާހަކަތައް އީރާނުން ދޮގުކޮށްފި އެވެ.

އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގައި އެންމެ ބޮޑު އެއް އަމާޒަކީ އީރާނުގެ އެންމެ މަތީ ލީޑަރު ޚާމަނާއީ އާއި އެ ގައުމުގެ އިސްވެރިންތައް އަވަހާރަކޮށްލައި ވެރިކަން ބަދަލުކުރުމެވެ. މިކަމާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރަކު ރޮއިޓާސް އަށް ބުނެފައި ވަނީ އީރާނުގެ އެންމެ މަތީ ލީޑަރު ޚާމަނާއީ އާއެކު އެ ގައުމުގެ އިސްވެރިންތަކެއް މިއަދު އަވަހާރަކޮށްލާފައިވާ ކަމަށެވެ.

އިޒްރޭލުން އެހެން ބުނި ނަމަވެސް އެ ވާހަކަތައް އީރާނުން ވަނީ ވަގުތުން ދޮގުކޮށްފަ އެވެ.

އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ އީރާނުގެ އިސް ލީޑަރާއި އެ ގައުމުގެ ރައީސް ދިރި އެބަތިއްބެވި ކަމަށެވެ.

"އިސް ލީޑަރު ގަދަވެ ސަލާމަތުން އެބަ ހުންނެވި. އަދި ގައުމުގެ ކަންކަމުގައި އަމުރު ނެރުއްވަމުން އެބަ ގެންދަވާ،" އޭނާ ވިދާޅުވި އެވެ.

އީރާނުން ބުނަނީ އެމެރިކާ އާއި އިޒްރޭލުން ދަނީ ފިކުރީ ހަނގުރާމައެއް ކުރަމުން ކަމަށެވެ.

"ހަމަ ޔަގީނުން ވެސް އެއީ ތެދު ހަބަރަކަށް ވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ހަބަރަކަށް ވާނެ،" ޚާމަނާއީގެ ޕަބްލިކް ރިލޭޝަންސް އޮފީހާ ހަވާލާދީ އަލް ޖަޒީރާއިން ބުންޏެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އޭބީސީ ނިއުސް އަށް އީރާނުގެ ވަރަށް ގިނަ އިސްވެރިންތަކެއް އަވަހާރަވެއްޖެ ކަމަށް ގަބޫލް ކުރެވޭ ކަމަށް ބުނެފަ އެވެ. ޓްރަމްޕް ވަނީ މަގުސަދު ހާސިލްވަންދެން އީރާނަށް ހަމަލާދިނުން ކުރިޔަށް ގެންދާނެ ކަމަށް ބުނެފަ އެވެ.